ސަލްޓަން ޕާކުގައި ބޭއްވި، ނަޝީދުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ބައްދަލުވުމުގައި އެމަނިކުފާނު ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ)
'ވިޔަފާރިވެރިއެއްގެ ސޭވިން އެކައުންޓަށްވުރެ ދައުލަތުގެ ރިޒާވް ނިކަމެތިވީމަ ކަންބޮޑުވާނެ'
އާންމު ވިޔަފާރިވެރިއެއްގެ ސޭވިންގްސް އެކައުންޓުގައި ހުރި ވަރަށް ވުރެ ދައުލަތުގެ ރިޒާވުގައި ހުރި ފައިސާ މަދުވާ ހިސާބަށް ދިއުމުން ކޮންމެ ރައްޔިތަކުވެސް ކަންބޮޑުވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'ފިކުރެއްގެ ދިރުން'ގެ ނަމުގައި ނަޝީދުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ބައްދަލުވުން ރޭ ސަލްޓަން ޕާކުގައި ވަނީ ބާއްވާފަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވަނީ ރައީސް ސޯލިހުއާ އެވެ.
ޕޯޑިއަމްއަށް އަރާވަޑައިގެން، ސަޕޯޓަރުންނަށް މަރުހަބާ ވިދާޅުވުމަށް ފަހު، ހަރު އަޑުފުޅުން ނަޝީދު ވިދާޅުވީ އެމަނިކުފާނު އެ ހުންނެވީ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ނުކުމެވަޑައިގެން ކަމަށެވެ.
"އަޅުގަނޑު މި ހުރީ އަނެއްކާވެސް ނުކުމެ. އަޅުގަނޑު މި ހުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމަށް ނުކުމެ. އަޅުގަނޑު މި މަސައްކަތުގައި އިރާދަކުރެއްވިއްޔާ ދެމިހުންނާނެ. ޖަނަވަރީ 28 ވަނަ ދުވަހާ ޖެހެންދެން ކޮންމެ ދުވަހަކު، ކޮންމެ ދުވަހަކު އިރާދަކުރެއްވިއްޔާ މި މަސައްކަތުގައި އަޅުގަނޑު ދެމިހުންނާނަން،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ނުކުމެ މިހިރީ [ގައިގައި] ލަކުނު މަދުވެގެނެއް ނޫން. ލިބުނު ގެއްލުން ކުޑަވެގެނެއް ނޫން. އަޅުގަނޑު ނުކުމެ މި ހުރީ އެމްޑީޕީ އަލުން އަނބުރާ ތިޔަ ބޭފުޅުންނާ ހަވާލުކުރުމަށް."
'ރައީސަށް ދަރަނި ހަނދާން ނުކޮށްދޭ ހަފްތާއެއް ނުދޭ'
އެއަށްފަހު ނަޝީދު ދެއްކެވި ވާހަކައިގައި ރައީސް ސޯލިހާއި މި ސަރުކާރަށް ފާޑުވިދާޅުވުމުގައި އެންމެ ތަން ފުކެއްވެސް ދޫނުކުރެއްވި އެވެ. މި ސަރުކާރުން ވީ ވައުދުތަކާއި ނުފުއްދި ހުރި ވައުދުތަކުގެ ވާހަކަ އެވެ. އަދި ނަޝީދުގެ ވިސްނުންފުޅުގައި އެންމެ ރަނގަޅު ނޫން ގޮތްގޮތަށް މި ސަރުކާރުން ކުރި ކަންކަމުގައި ވާހަކަ އާއި ނަޝީދު ރައީސް ސޯލިހަށް ދެއްވި ނަސޭހަތްތައް އަޑުނޭއްސެވި ވާހަކަ އެވެ. އެގޮތުން ފާހަގަކުރެއްވި އެއް ކަމަކީ، ދަރަނި ރީސްޓްރަކްޗާ ކުރަން ރައީސްއަށް ދެއްވި ލަފާގެ ވާހަކަ އެވެ.
"އެމްޑީޕީގެ މެނިފެސްޓޯގައި މި ވާހަކަ [ދަރަނި ރީސްޓްރަކްޗާ ކުރާ ވާހަކަ] އަޅުގަނޑުމެން ލިޔުނިން، އެހެން ނަމަވެސް އެ ގޮތަކަށް އަމަލެއް ނުކުރި. ދަރަނި އަނބުރާ ދައްކަން ދަރަނި އަނެއްކާވެސް ނެގީ، އޭގެ މައްޗަށް ކޮވިޑުގެ ދަރަނި އައީ. މިހާރު އަޅުގަނޑުމެން މި ތިބީ ވަރަށް ދަތި ހާލުގައި،" ނަޝީދު ވިދާޅުވި އެވެ.
ކުރިއަށް އޮތީ އިންތިހާބުގެ އަހަރުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ދަރަނި ރީސްޓްރަކްޗާ ނުކުރުމުގެ ބުރަ މި ސަރުކާރަށް އުފުލަން މި ޖެހުނީވެސް އިންތިހާބުގެ އަހަރުގައި ކަމަށެވެ. އެ ބުރަތަކަކީ، ނަޝީދު ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރަން މަޖުބޫރުވުމާއި ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމުމެވެ. އަދި އެއާ ވިދިގެން ބާޒާރުގައި ތަކެތީގެ އަގު އިތުރަށް އުފުލިގެންދާނެ ދިއުމެވެ. ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުންނަށް ސަރުކާރާ އެއްބަސްނުވެވުނު އެއް ސަބަބަކީވެސް ދަރަނި ރީސްޓްރަކްޗާ ނުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"2019 ވަނަ އަހަރުއްސުރެ ހަފްތާއެއް ނުދާނެ އަޅުގަނޑު ނުދަންނަވާ، ރައީސްއޭ، ދަރަނި، ދަރަނި، ދަރަނި،" ނަޝީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ވެރިއެއް، ރައްޔިތުންނަށް ވެރިކަމެއް ނުކޮށްދެވޭނެ ފަހު ވަކިލާރިއަށް ނުބަލައެއް. ލާރިކޮޅަށް ވާ ގޮތް ކޮންމެ ދުވަހަކު ހަވީރު ބައްލަވަން ޖެހޭނެ. ފިނޭންސުން އެ މައުލޫމާތު ކޮންމެ ދުވަހަކު ލިބިވަޑައިގަންނަވަން ޖެހޭނެ."
ވިޔަފާރިވެރިއެއްގެ ސޭވިން އެކައުންޓަށްވުރެ ދައުލަތުގެ ރިޒާވް ނިކަމެތި
ސަރުކާރުން އަންނަ އަހަރު ޓާގެޓަޑް ސަބްސިޑީ ނުވަތަ ހައްގުވެރިންނަށް ސަބްސިޑީ ދޭ ގޮތަށް ބަދަލުގެންނަން ނިންމި ނިންމުމަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް 'ލިބެންޖެހޭ' ފައިސާ އެއްވެސް މިންވަރަކުން މަދު ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ރައްޔިތުންނަށް ލިބެންޖެހޭ ފައިސާ، 2023 ވަނަ އަހަރު އާސަންދަ އަކުން އެއްގޮތަކަށްވެސް މަދެއް ނުކުރެވޭނެ. މިއަހަރު އާސަންދަ ޓާގެޓު ކުރަން އެ ވިދާޅުވާ ވާހަކަ އަކީ އެ ދިނުން ހުއްޓާލަނީއޭ،" ނަޝީދު ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ސަރުކާރަށް ދިން ލަފާތަކުގެ ތެރޭގައިވެސް ޓާގެޓަޑް ސަބްސިޑީ ހިމެނެ އެވެ. ނަޝީދު ވިދާޅުވީ އައިއެމްއެފްއިން އެ ބުނާ 'ޓާގެޓަޑް ސަބްސިޑީ' އަކީ އެމަނިކުފާނަށް ނުހަނު ރަނގަޅަށް އެނގިވަޑައިގަންނަވާ ވާހަކައެއް ކަމަށެވެ.
"އެއީ ވަރަށް ދިގު ބަހެއް. އޭގެ އަސްލަކީ 'ދެން ނެތޭ ދެވޭކަށް'. ބޭސް ގަންނާނީ ހޯލްސޭލްކޮށޭ ދެން ސަރުކާރުން، އޭގެ މާނައަކީ ދެން [ބޭސް] ގަތުން ހުއްޓާލީއޭ. ތެލަށް އެކަނި މަހަކަށް އެބަ 50 މިލިއަން ޑޮލަރު ހަރަދުވޭ، " ނަޝީދު ވިދާޅުވި އެވެ.
"ރިޒާވުގައި އާދައިގެ ވިޔަފާރިވެރިއެއްގެ އަމިއްލަ ސޭވިން އެކައުންޓުގައި ހުންނަ މިންވަރަށް ވުރެ މަދުކޮށް، ދަށްކޮށް ހުންނަން ފެށީމަ މީހުން ކަންބޮޑުވާނެ. މަނިކުފާނޭ، މާލިއްޔަތަށް ތި ހައްދަވަނީ ކިހިނެއްހޭ އަޅުގަނޑުމެންގެ ދައުލަތް، އަޅުގަނޑުމެންގެ ސަރުކާރު، އަޅުގަނޑުމެންގެ ޕާޓީގެ ވިސްނުން މި ސަރުކާރުގައި ނެތީ ކީއްވެހޭ."
'މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުގައި ތަސައްވުރެއް ނެތް'
ނަޝީދުގެ ވާހަކައިގެ މައުލޫ ދެން ބަދަލުކުރެއްވީ އުމްރާނީ ތަރައްގީ އާއި މި ސަރުކާރުން އެކަމުގައި ގެންގުޅޭ ސިޔާސަތަށެވެ. ނަޝީދު ވިދާޅުވީ އުމްރާނީ ތަރައްގީއަކީ ކިތަންމެހާވެސް ބޭނުންތެރި ކަމެއްކަން އެމަނިކުފާނުވެސް ގަބޫލުކުރައްވާ ކަމަށެވެ.
"އެހެން ނަމަވެސް ދަންނަވަންތޯ، ކުޑަ ރަށެއް، ބޮޑު ރަށެއް، ފަޅު ރަށެއް، އެއެއް މިއެއް ނުބައްލަވާ، އެތަން މިތަނުގައި، އެކިއެކި ކަންތައްތައް ކުރަން އުޅުމަކީ ތަސައްވަރެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ބޮޑެތި އާބާދީތައް [މިސާލަކަށް] އައްޑޫ، ތިނަދޫ، ކުޅުދުއްފުށި، މިއިން ރަށެކޭ، މާލެއެކޭ، ފުލިދު އަތޮޅު ރަކީދޫއެކޭ، [މި ސަރުކާރުން] ކުރާ ހަރަދަށް ބެލީމަ، ކުޑަ ރަށެއް ބޮޑު ރަށެއް މި ވަނީ އެއްވަރު. ރަކީދޫގައި 100 މިލިއަން ރުފިޔާގެ ބަނދަރެއް ހަދާފައި އައްޑު އަތޮޅު ހޮސްޕިޓަލުގައި ޑޮކްޓަރެއް ނެތީމަ، ކުޑަ ރަށެއް ބޮޑު ރަށެއް ފަޅު ރަށެއް، އެއެއް މިއެއް ނުބަލާ އުޅުން ބަލައެއް ނުގަނެވޭ."
'ރިއެކްޓް ނުކުރައްވާ' ރައީސް ސޯލިހު
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވެސް ނަޝީދުގެ ވާހަކައިގައި ދުލެއް ނުދެއްވި އެވެ. މި ވާހަކަ ދައްކަނީ 'ފުލެޓު ދޮންބެ' ކަމަށް ވިދާޅުވެ، މި ސަރުކާރުން އެކުލަވައިލި ކޮންޓްރެކްޓަކުން ބޯހިޔާވަހިކަމެއް، އެންމެ ރައްޔިތަކަށްވެސް ފޯރުކޮށްދެވިފައިނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަލާމާތުގެ ރާގެއްގައި ނަޝީދު ވިދާޅުވީ، އެ މައްސަލަ އާއި އެ ނޫން އެހެން މައްސަލަތަކުގެ ޝަކުވާ ހިއްސާކުރެއްވުމުންވެސް، ރައީސް ސޯލިހުގެ ފަރާތުން އެއްވެސް 'ރިއެކްޝަނެއް' ނުފެނުނު ކަމަށެވެ.
"މާލޭ ސަރަހައްދުން ދޭން ވިދާޅުވި ގޯތި އަދި ހުރީ ކަނޑުއަޑީގައި. މާދަމާ އޮތީ އިންތިހާބު. ރާއްޖޭގެ އެތައް ރައްޔިތުންނެއް، އެމްޑީޕީގެ އެތައް މެމްބަރުން ރައީސް ސޯލިހާ ދުރުވާން ޖެހުނު ވަރަށް ބޮޑު އެއް ސަބަބަކީ ބޯހިޔާވަހިިކަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރަށްރަށުންވެސް ބޯހިޔާވަހިކަން ނުދެވުނު ކަމަށް ވިދާޅުވެ، "އޭގެ ސަބަބެއް އަދި އަމުދުން ނޭނގުނު" ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ސަރުކާރާއި މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ހިއްކިހައި ބިންތައް ހުރި ގޮތަށް ހުރީ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް [އެ ބިންތައް] ފެނިގެން ބުނީމޭ، މެނިފެސްޓޯގައި އަޅުގަނޑުމެން ލިޔުނީމޭ، ވައުދުވީމޭ ހަ މަސް ދުވަހުގެ ތެރޭގައި [ގޯތި] ކަނޑާފައި ދޭނަމޭ. ނުވި. [ރައީސް ސޯލިހު] ރިއެކްޓެއް ނުކުރެއްވި،" ނަޝީދު ވިދާޅުވި އެވެ.
"ވެށިފަހި މާލޭ ޕްރޮޮގްރާމަށްވެސް އެއްވެސް ރިއެކްޝަނެއް ނެތް. އެއް ދަންފަޅީގެ މަދަރުސާއަކަށްވެސް ނެތޭ ރިއެކްޝަނެއް."
މެނިފެސްޓޯގައި އޮތް ނޫ އިގްތިސާދާއި، ލާމަރުކަޒީ ނިޒާމުން ރަށްތަކަށް ބާރު ފުރޮޅާލެވޭނެ ގޮތްތައް ހިއްސާކުރެއްވުމުން ވެސް ރައީސް ސޯލިހު ރިއެކްޓް ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޕްރައިމަރީ ކެމްޕޭނުގައި ރިޔާސީ ވައުދުފުޅު
ނަޝީދުގެ ލަފާފުޅާ އެއްގޮތަށް މި ސަރުކާރުން ދަރަނި ރީސްޓްރަކްޗާ ކުރަން ދެކޮޅު ހެދިހެދުމަށް ރައްދު ދެއްވިއިރު، އެމަނިކުފާނުގެ ވާހަކަފުޅު ހުރީ ޕްރައިމަރީ ކާމިޔާބުކުރައްވައި، ސީދާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވާ ފަދަ ގޮތަކަށެވެ. އަދި ބައެއް 'ރިޔާސީ ވައުދު'ތައްވެސް ވެވަޑައިގެންނެވި އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކޮށް އަރުވަން ދެ ކަމެއް. ދެން އުފެދޭ އަޅުގަނޑުގެ އެމްޑީޕީ ސަރުކާރެއްގައި ޓެކްސް ކުޑަކުރާނެ. ތަކެތީގެ އަގު، އިންފްލޭޝަން ދަށަށް ދާނެ،" ކޮންމެ ކަމެއް ދެ ފަހަރަށް، ކުރިއަށްވުރެ ބާރަށް ތަކުރާރު ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
"ތިޔަބޭފުޅުންގެ ހާސްކަމަށް ޝިފާއެއް، ލުޔެއް އަޅުގަނޑުމެން ގެނެސްދޭނަން."
ވާހަކަ ނިންމަވާލައްވަމުންވެސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރައްވާ ވާހަކައެއް ނޫނެވެ. އޭގެ ބަދަލުގައި ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ވާހަކަ އެވެ. ވަރަށް ޔަގީންކަމާއެކުގަ އެވެ.
"ވަޑައިގަންނަވާ އަޅުގަނޑާ އެކުގައި. އަލުން އަނބުރާ މި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަކީ ރައްޔިތުންގެ ޕާޓީއަކަށް ކަނޑައެޅިގެން ހެދުމަށް. ވަޑައިގަންނަވާ އަޅުގަނޑާ އެކުގައި، ބެލްޓު އަޅުއްވާ. އަޅުގަނޑުމެން މި ނައްޓާލަނީ. ދެން އަޅުގަނޑުމެން ހުއްޓާލާނީ، އިރާދަކުރެއްވިއްޔާ 11 ނޮވެމްބަރު 2023 ވާ ދުވަހު މި ރާއްޖޭގެ ވެރިކަން، އަޅުގަނޑުމެން ކުރަމުން."
ގުޅުންހުރި ކަމެއް - ނަޝީދުގެ ކެމްޕެއިން ބައްދަލުވުން ބޭއްވުމުގެ ކުރިން، ހަމަ އެ ދުވަހު ހަވީރު ރައީސް ސޯލިހުވެސް ވަނީ، ހަ މަސް ދުވަހަށްފަހު ޕްރައިމަރީއާ ދިމާކޮށް ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ޕްރައިމަރީ ކާމިޔާބުކުރައްވާނެ ކަމަށް، ވަރަށް ޔަގީންކަމާ އެކު އެމަނިކުފާނުވެސް ވިދާޅުވި އެވެ. އަދި ކޮންމެވެސް ވަރަކަށް ނަޝީދަށް ފާޑުވެސް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން -
ކޮމެންޓް (1)
ސިކުނޑި