28 ޑިސެމްބަރު 2022 - ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަ މަހަށް ފަހު ނޫސްވެރިންނާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

އެމްޑީޕީ ޕްރައިމަރީ ބޮޑު ތަނުން ކާމިޔާބުކުރާނަން: ރައީސް ސޯލިހު

28 ޑިސެމްބަރު 2022

އަންނަ މަހު 28ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު އަގުލަބިއްޔަތަކާ އެކު ކާމިޔާބުކުރައްވާނެ ކަމަށް، އެ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިއްމު- އެމްޑީޕީގެ ތާރީހުގައި މިހާތަނަށް އަންނާނެ އެންމެ ވާދަވެރި އިންތިހާބުގައި ރައީސް ސޯލިހާ  ވާދަކުރައްވަނީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ދެ ބޭފުޅުންނަށް ތާއީދުކުރާ އެމްޑީޕީ މެމްބަރުންގެ މެދުގައި ވާދަވެރިކަން ބޮޑުވެ، ޕާޓީ ތެރެއިން ދެ ފެކްޝަން ވެސް ވަނީ އުފެދިފަ އެވެ. ދެ ފެކްޝަންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި މަޖިލީހުގައާއި ޕާޓީގެ ހަރަކާތްތަކުގައި ވެސް ބަހުގެ ހޫނު ހަމަލާތައް މިފަހަކަށް އައިސް ދަނީ ރައްދުކުރަމުންނެވެ. އެގޮތުން:

  • މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އިންތިހާބާ ބެހޭ ކަންކަން ބަލަހައްޓާ ކޮމިޓީ އެކުލަވާލީ ރައީސް ސޯލިހުގެ ފެކްޝަނުން ބޭނުންވި ގޮތަށް

  • މިކަމާ ގުޅިގެން ނަޝީދު ފެކްޝަނުން ނުރުހުން ފާޅުކޮށް ޖަލްސާ ވެސް ބޮއިކޮޓްކުރި

  • ނަޝީދު ފެކްޝަނުން ވަނީ ޕްރައިމަރީއާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އޮތް ކަމަށް ބުނެފައި

ބުނީ ކީކޭ؟- ހަ މަސް ދުވަހަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މިއަދު ވަނީ އެމްޑީޕީގެ ޕްރައިމަރީ "ބޮޑު ތަނުން" ކާމިޔާބުކުރެއްވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އޮތް ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ކުރިން އެންމެ ބޮޑު އަމާޒަކީ ވެސް ޕްރައިމަރީ ކާމިޔާބުކުރެއްވުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ޕްރައިމަރީ އަޅުގަނޑު ބޮޑު ތަނުން ކާމިޔާބުކުރާނަން." ރައީސް ވިދާޅުވި އެވެ.

އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒުކުރައްވަމުން އަންނަ ގޮތަށް ބައްލަވާ އިރު، ދެވަނަ ދައުރެއްގެ ފުރުސަތު، މިހާރު އޮތް ކޯލިޝަނުން ވެސް ލިބިވަޑައިގަންނަވާނެ ކަން ޔަގީން ކުރައްވާ ކަމަށެވެ. އަދި އެކަމުގެ ރަސްމީ މަޝްވަރާތައް ނުކުރެވުނު ނަމަވެސް، ނުރަސްމީކޮށް ދެކެވުނު ވާހަކަތަކުން ހިޔާލު އެއްގޮތްވާ ގިނަ ކަންތައްތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

28 ޑިސެމްބަރު 2022 - ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަ މަހަށް ފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިއްމު- 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ރާޢްޖޭގެ ހަތަރު ސިޔާސީ ޕާޓީއެއް ގުޅިގެންނެވެ. އެއީ:

  • 1-

    އެމްއާރުއެމް

  • 2-

    ޖުމްހޫރީ ޕާޓީ

  • 3-

    އަދާލަތު

  • 4-

    އެމްޑީޕީ

"ނުރަސްމީކޮށް ބައެއް ވާހަކަ ދެކެވިފައި ހުންނާނެ. އެ ވާހަކައިގެ ތެރޭގައި ހިޔާލު އެއްގޮތްވާ ގިނަ ކަންތައްތައް [ހިމެނޭ]. އެހެންވީމާ އެ ޔަގީންކަން އަޅުގަނޑަށް ވަރަށް ބޮޑަށް އެބައޮތް." ރައީސް ސޯލިހު ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް- ރައީސް ސޯލިހު ޕްރައިމަރީއަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ 20،000 އަށް ވުރެ ގިނަ މެންބަރުންގެ ތާއީދާ އެކު އެވެ. ނަޝީދު ފޯމު ހުށަހަޅުއްވާފައި ވަނީ ބޭނުންވާ އަދަދަށް 500 މެންބަރުންގެ ތާއީދާ އެކު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް