ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަ މަހަށް ފަހު ނޫސްވެރިންނާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު އެންމެ ބޮޑީ އަޅުގަނޑަށް: ރައީސް
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު، އެމްޑީޕީއަށް ކާމިޔާބުކުރުމުގެ އެންމެ ފުރުސަތު ބޮޑީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހަ މަސް ދުވަހުގެ މުއްދަތަކަށް ފަހު މިއަދު ރައީސް ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނާ ނޫސްވެރިޔަކު ކުރި އެއް ސުވާލަކީ، 2018ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖޭގެ ވެރިކަން ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ހުވަފެންފުޅެއް ކަމަށް ވިދާޅުވި ވާހަކައާ ބެހޭ ގޮތުންނެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވެފައި އޮތް ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސި ޓިކެޓަށް އެމަނިކުފާނު ވާދަކުރައްވަނީވެސް ނަޝީދުއާ އެވެ.
ރައީސްގެ ބަސްފުޅު - އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ އެމްޑީޕީއިން ވެސް އެންމެ އެދޭނެ ގޮތް ކަމަށެވެ.
"މިވަގުތު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެކަމުގެ ފުރުސަތު އެންމެ ބޮޑީ އަޅުގަނޑު ކުރިމަތިލައިގެން،" އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނުކެރޭނެ ދަންނަވާކަށް، އެއްވެސް ޕާޓީއަކަށް، އެކަނި ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިދާނެ ކަމަކަށް، އަދިވެސް. އެހެންވީމަ އެމްޑީޕީއިން ނުކުންނަ ކެންޑިޑޭޓަކީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި %50 ހުރަސް ކުރެވޭނެ ކެންޑިޑޭޓަކަށް ވާން ޖެހޭނެ. އަޅުގަނޑަށް، އިރާދަކުރެއްވިއްޔާ އެ ޔަގީންކަން އެބައޮތް، މިކަމުގައި ސިޔާސީ ހިޔާލު އަޅުގަނޑުމެންނާ އެއްގޮތް ނޫން މީހުންނާ އެކީގައިވެސް ކޯލިޝަނެއް ހަދައިގެން ގޮސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ،"
'ރައީސުލްޖުމްހޫރިއްޔާ' އަކީ ނަޝީދު މިހާރު ބޭނުންފުޅުވާ މަގާމެއް ނޫން
ކުރިން ގާތް ދެ ރަހުމަތްތެރިންގެ ގޮތުގައި ފެނުނު ނަމަވެސް، މި ވެރިކަމުގެ ދައުރުގައި ނަޝީދާއި ރައީސް ސޯލިހު އެކި ކަންކަމުގައި ހިޔާލު ތަފާތުވެވަޑައިގަންނަވާ ތަން ވަނީ ފެނިފަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ދެ ބޭފުޅުން ވާދަކުރައްވާއިރު، ރައީސް ސޯލިހު މިއަދު ވިދާޅުވީ ވަކި މީހަކު ބާކީކޮށްފައި ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ވިސްނުމެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ.
ނަޝީދާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ރައީސް ކަމަކީ، ނަޝީދު މިހާރު ކުރައްވަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށެވެ.
"ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، ވަރަށް ސާފުކޮށް ވިދާޅުވެފައިވޭ، ތިމަންނަ ދެން ބޭނުމެއް ނޫނޭ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރާކަށެއް. ތިމަންނަ ބޭނުންވަނީ ބޮޑުވަޒީރުކަމޭ ކުރަން. ވަރަށް ސާފުކޮށް އެކަމަށް ޖަވާބުދެއްވާފައި އޮތީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ދެ ބޭފުޅުންގެ ހިޔާލުތަފާތުވުމާ މެދު ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު ގަބޫކުރައްވާ ގޮތުގައި އެ ހިޔާލުތަފާތުވުމަކީ އެމަނިކުފާނު ރައީސްގެ މަގާމުގައި ހުންނަވާތީ އޮތް ހިޔާލުތަފާތުވުމެއް ކަމަށެވެ.
"އެއީ ކޮންމެހެން އަޅުގަނޑުވެގެނެއް ނޫން. ރައީސް ނަޝީދަކީ، ވިދާޅުވާ ގޮތުން ވެރިކަން ބޭނުންވާ ބޭފުޅެއް. ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުރި ނަމަވެސް، އެ ހިޔާލުތަފާތުވުން އޮންނާނެ ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމަ މިހާރުވެސް މި އޮތް ހިޔާލުތަފާތުވުމަކީ އަޅުގަނޑު މި މަގާމުގައި ހުރީމަ އޮތް ހިޔާލުތަފާތުވުމެއް ކަމަށް އަޅުގަނޑަށް ބެލެވެނީ." ރައީސް ސޯލިހު ވިދާޅުވި އެވެ.
ކޮމެންޓް (2)
ސާލިމް
ހަލީމާ