އަލީ ސައިފް ލަތީފް: އުމުރުން 40 އަހަރުގައި އޭނާ މަރުވީ ކެންސަރާ ހަނގާރަމަކޮށް ގަދަ ހިތްވަރުގެ ނަމޫނާއެއްގެ ގޮތުގައި.

ކެންސަރަށް ފަރުވާ ހޯދަމުން ގަދަ ހިތްވަރު ދެއްކި ސައިފް މަރުވެއްޖެ

ސައިފްގެ މަރުގެ ހަބަރާ އެކު އެތައް ބަޔަކު އަންނަނީ ހިތާމަފާޅުކުރަމުން
31 ޖެނުއަރީ 2022

ދުނިޔޭގައި ވަރަށް މަދު ކެންސަރުގެ ބާވަތަކަށް ފަރުވާ ހޯދަމުން ގެންދިޔަ އިރު ދެއްކި ގަދަ ހިތްވަރަށްޓަކައި އާއްމުންގެ ލޯބި ހޯދި އަލީ ސައިފް ލަތީފް މިއަދު މަރުވެއްޖެ އެވެ.

ސައިފްގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ހަމްޒާ ލަތީފް ޓްވިޓާގައި ބުނިގޮތުގައި ސައިފް މަރުވީ ފަތިހު 5:42 ގަ އެވެ.

އެ ހަބަރު ދެމުން ހަމްޒާ ބުނީ ބުނާނެ އެއްޗެއް ވެސް ނޭނގޭ ކަމަށާއި ސައިފްއަކީ އޭނާއަށް ކިހާ ވަރެއްގެ މީހެއްކަން ބަޔާންކޮށްދޭން ވެސް އުނދަގޫ ކަމަށެވެ.

ހަމްޒާ ލަތީފްގެ ޓްވީޓް

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ސައިފް، 40، ފަރުވާ ހޯދަމުން ގެންދިޔައީ 'ބޮޓްރަޔޮޑް ވޭރިއަންޓް އޮފް އެމްބްރިޔޯނަލް ރަބްޑޯމަޔޯސޯކާ' ކިޔާ ބާވަތެއްގެ ކެންސަރަކަށެވެ. އެ ބާވަތުގެ ކެންސަރު ޖެހުނުކަން ދުނިޔޭގައި ވެސް ރެކޯޑްކުރެވިފައިވަނީ ވަރަށް މަދު މީހަކަށެވެ.

ސައިފްގެ ހަށިގަނޑުގައި އެންމެ ފުރަތަމަ ކެންސަރު އުފެދުނީ ބްލެޑާގަ އެވެ. ބްލެޑާގައި ހެދުނު ބޮޑު ޓިއުމަރުގެ ސަބަބުން، ބްލެޑާއާ އެކު، އެ ސަރަހައްދުގެ ހުރިހާ ގުނަވަނެއް ހުރީ ނަގާފަ އެވެ.

ސައިފް މި މަރުވީ ހޮސްޕިޓަލުގައި ގާތުގައި އޮތް އޭނާގެ ރަހުމަތްތެރި ކުޑަކުއްޖާ މުހައްމަދު އަރީން، 8، ވެސް ކެންސަރު ބަލީގައި މަރުވިތާ ފަސް ދުވަސް ފަހުންނެވެ.

ޓްވިޓާގައި ހަރަކާތްތެރި ސައިފް ގެންދިޔައީ އޭނާގެ ބަލި ހާލަތުގެ ހަބަރުތައް އާއްމުންނަށް ދެމުންނެވެ. ނަމަވެސް ކެންސަރާއި ބާރުގަދަ ކީމޯތެރަޕީގެ ވޭނުގައި އުޅެމުން ވެސް އޭނާ ދެއްކި ޕޮޒިޓިވް އަދި މީހުންނަށް ހިތްހަމަޖެހުން ގެނުވައިދިން ވާހަކަތަކާ އެކު އެތައް ބައެއްގެ ލޯބި ހޯދި އެވެ.

ސައިފްގެ ބަލި ހާލު ބޮޑުވެގެން ޓްވީޓް ނުކުރާތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ.

ސައިފްގެ މަރުގެ ހަބަރާ އެކު އެތައް ބަޔަކު އަންނަނީ ހިތާމަފާޅުކޮށް އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް