ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ އަލީ ސައިފް ލަތީފް އޭނާގެ 8 އަހަރުގެ އެކުވެރިޔާގެ ހާލަތު ވެސް ޓްވިޓާގައި ކިޔައިދީފައިވޭ

ކެންސަރު

އަރީން: ސައިފްއާ އެކު ކެންސަރާ ހަނގުރާމަކުރި 'ލެޖެންޑް'

އުމުރުން 8 އަހަރުގެ އަރީން ކެންސަރަށް ފަރުވާ ހޯދާތާ ދޮޅު އަހަރު ފަހުން މިއަދު ވަނީ އެ ބަލީގައި މަރުވެފައި

ދުނިޔޭގައި ވަރަށް މަދު ކެންސަރުގެ ބާވަތެއް ތަހައްމަލު ކުރަމުންދާ އަލީ ސައިފް ލަތީފް، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނައިރު، ހޮސްޕިޓަލުގައި އޭނާއާ އެންމެ ގާތުގައި އޮންނަ ދިވެއްސަކީ އުމުރުން 8 އަހަރުގެ މުހައްމަދު އަރީން އަބޫބަކުރެވެ.

ޓްވިޓާގައި ހަރަކާތްތެރި ސައިފް ވަރަށް ގިނައިން އަރީންގެ ވާހަކަ ދައްކަ އެވެ. އަރީންގެ ފަރުވާގެ ހަބަރުތަކާއި އެ ކުޑަކުއްޖާގެ ކެތްތެރިކަމުގެ ވާހަކަ އެވެ. ދެ މީހުން، އެކަކު އަނެކަކަށް ހިތްވަރު ދެމުން ކެންސަރުގެ ވޭނާ ކުރިމަތިލާ ގޮތެވެ. އެކަމަކު، ހދ. ކުޅުދުއްފުއްޓަށް އުފަން އަރީން މިއަދު ވަނީ ކެންސަރު ބަލީގައި މަރުވެފަ އެވެ. 

އަރީނަށް ކެންސަރު ޖެހުނުކަން އެނގުނީ ބުރަކަށީގައި ރިއްސާތީ 2020ގައި ޑޮކްޓަރަށް ދެއްކުމުންނެވެ. އޭރު އޭނާގެ ބުރަކަށީގައި އިން ޓިއުމަރެއް ވަނީ ކެންސަރަށް ބަދަލުވެފަ އެވެ. އަރީންގެ މައިންބަފައިން އޭރުން ފެށިގެން ދިޔައީ، ހުރި އެންމެ ފިރިހެން އަދި އެންމެ ހަގު ދަރިފުޅަށް ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ދަތުރުތައް ކުރަމުންނެވެ.

ފަރުވާ ހޯދުމަށް، އަމްރިތާ ހޮސްޕިޓަލަށް އަރީން އެންމެ ފަހުން ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅެވެ. އަރީން އާއި ސައިފްގެ ރަހުމަތްތެރިކަން ފެށުނުތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. 

ސައިފް ބުނެފައިވާގޮތުގައި "ކުޑަކުޑަ މީހާ" އެ ތަނަށް ދިޔައިރު، ނުހިނގެ އެެވެ. އަރީންގެ ކެންސަރު ހުރީ ސްޓޭޖް ހަތަރެއްގަ އެވެ. އެކަމަކު ހަތަރު މަހުގެ ވޭންދެނިވި ފަރުވާއަށް ފަހު އޭނާ ހިނގައިގަތީ، ޑޮކްޓަރުން ވެސް ހައިރާންކޮށްލުމަށް ފަހުގައި ކަމަށް ސައިފްގެ ޓްވީޓެއްގައި ބުނެފައިވެ އެވެ.

ކޮންމެ ދުވަހަކު ވެސް އަރީން އަހަރެން ހައިރާންކޮށްލާ

ސައިފް

ބަލިހާލު ބޮޑުކަމުން މި ވަގުތު ޓްވިޓާއާ ދުރުގައި އުޅޭ ސައިފް، 40، ކުރިން ބުނިގޮތުގައި، އަރީންގެ ހަށިގަނޑުގައި އަޅާ ވޭން އެންމެ ގަދައިރު ވެސް ބައްޔާ ދެކޮޅަށް އަރީން ކުރަމުންދިޔަ ހިތްވަރު ފެނުމުން، އެކަމުގައި އޭނާއަށް އެއްވެސް ޝަކުވާއެއް ކުރެވޭކަށް ނެތެވެ. ސައިފް އެ ކުޑަކުއްޖާ ސިފަ ކުރީ، ހަނގުރާމައިގެ މައިދާނުގައި ލެޖެންޑެއްގެ ގޮތުގަ އެވެ.

"ކޮންމެ ދުވަހަކު ވެސް އަރީން އަހަރެން ހައިރާންކޮށްލަ އެވެ،" މިދިޔަ މަހު 18ގައި ސައިފް ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.

ޓްވިޓާ އިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސައިފް، މި ވޭތުވެދިޔަ އެއް މަހުގެ ތެރޭގައި އަރީންއާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދެއްކި އެވެ. އޭނާގެ ފަރުވާގެ އެއް ހިތްވަރަކީ ކައިރީގައި އޮތް އަރީނެވެ.

ސައިފް ބުނިގޮތުން ބައެއް ދުވަސް ދުވަހު، އޭނާއަށް ވުރެ ވޭނުގައި އަރީން އުޅުނެވެ. އެކަމަކު ކުޑަކުއްޖާ އެ ވޭނާ ކުރިމަތިލީ ހިނިތުންވުމާއެކު ކަމަށާއި އޭނާގެ މަގްސަދަކީ، ކައިރީގައި ތިބި މަންމަ އާއި ބައްޕައަށް ހިތްވަރު ދިނުން ކަމަށް ބުނެފައިވެ އެވެ.

ސައިފް، އަރީންގެ މައިންބަފައިން ސިފަ ކުރީ، ހިތްހެޔޮ އޯގާތެރި ބައެއްގެ ގޮތުގަ އެވެ. އޭނާގެ ހަށިގަނޑުގައި ގަދައަށް ވޭން އަޅައި، ކެތް ނުކުރެވިގެން އުޅޭ ދުވަހަކު، އަރީންގެ ބައްޕަ ގޮސް، ސައިފްގެ ގައިގައި ހިފަހައްޓައި، އެ ވޭން ލުއިވޭތޯ ދުއާކޮށްދެ އެވެ.

އަރީންއާ ގުޅޭގޮތުން ސައިފް އެންމެ ފަހުން ޓްވީޓް ކުރީ މި މަހުގެ 12 ވަނަ ދުވަހެވެ. އޭނާ އެދުނީ އަރީންގެ ހާލު ގޯސްވަމުންދާތީ އޭނާއަށްޓަކައި ދުއާ ކޮށްދިނުމަށެވެ.

ވޭންދެނިވި ބަލީގައި އަރީން މިއަދު މަރުވި އިރު، ސައިފްގެ ހަބަރެއް ނުވާތާ ހަ ދުވަސް ވެއްޖެ އެވެ. ބްލެޑާގައި އުފެދުނު ޓިއުމަރެއްގެ ސަބަބުން، މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހާލި ސައިފް ވެސް ގިނަ ބަޔަކު ދަންނަނީ ކެތްތެރިކަމުގެ ނަމޫނާއެއްގެ ގޮތުގަ އެވެ. ބްލެޑާ ނެގި ނަމަވެސް، އޭނާގެ ކެންސަރު ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފެތުރުނެވެ. އެއިން ސަލާމަތްވުމަށް އޭނާ ނަގަމުން އަންނަނީ އިންސާނަކަށް ކެތްކުރެވޭނެ އެންމެ ބާރުގަދަ ކީމޯތެރަޕީ އެވެ.

އެނގިފައިވާ ގޮތުގައި ތިން ކުދިންގެ ބައްޕަގެ ހާލު މި ވަގުތު ދެރަ އެވެ. ކޮންމެ ދުވަހަކުހެން ދަރިންގެ ފޮޓޯއާ އެކު، ވަރަށް ޕޮޒިޓިވް ވާހަކަތަކެއް ޓްވިޓާގައި ދައްކާ ސައިފްގެ އެކުވެރިން އިންތިޒާރުކޮށްގެން ތިބީ، އަލުން އޭނާގެ ހަބަރެއްވާނެ ވަގުތަކަށެވެ.

ކޮމެންޓް (1)

ކަމަނަ

26 ޖެނުއަރީ 2022
މާތް الله ސައިފްއަށް ކެތްތެރިކަން ދެއްވައި އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އަދި އަރީންއަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ މިންވަރު ކުރައްވާށި. އާމީން
45 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް