ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ސައިފް: އޭނާއަށް ދެމުން އަންނަނީ އެންމެ އިންޓެންސް ކީމޯ ތެރަޕީގެ ފަރުވާ.
ދުނިޔެއިން ވެސް އެހާމެ މަދު ކެންސަރެއްގެ ވޭނާ އެކު، ސައިފްގެ އަސަރު ގަދަ ވާހަކަ
"މިއަދު ބުޅަލެއްހެން ކެހެރިތައް ފައިބައިގެން ހިނގައްޖެ...."
މިއީ، އަލީ ސައިފް ލަތީފް ދުވަސްކޮޅެއް ކުރިން ކުރި ޓްވީޓެކެވެ. އޭނާގެ ޓްވީޓްތައް ހާވާލައިފި ނަމަ، މި ކަހަލަ ކޮންމެވެސް ވާހަކައެއް ފެންނާނެ އެވެ. ދެން ފެންނާނީ ދޮޅު އަހަރުގެ ދަރިފުޅުގެ ލޯބި، މަޖާ ފޮޓޯތަކެވެ. އާއިލީ މީހެއްގެ ވާހަކަ ނޫނީ ރާއްޖޭގެ އިޖްތިމާއީ ނޫނީ ސިޔާސަތާ ގުޅުން ހުރި ކޮންމެވެސް ވާހަކައެކެވެ. މީހުން ހިތް އުފާވާ ކަހަލަ، ނޫނީ ހިތްހަމަ ޖެހޭ ކަހަލަ ވާހަކަތަކެވެ.
އެކަމަކު ކިތަންމެ މަޖާ އަދި ސޯޝަލައިޒް މީހެއްގެ ގޮތުގައި ފެނުން ނަމަވެސް، ސައިފްގެ ހަގީގަތް އެނގެނީ މަދު ބަޔަކަށެވެ. މުޅި ދުނިޔެއިން ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ކެންސަރުގެ ބާވަތެއް ތަހައްމަލު ކުރަމުން ދާއިރު، ދަރިންނާއި އާއިލާ ދޫކޮށް، ބޭރު ގައުމެއްގައި، ފަރުވާ ހޯދުމަށް ކުރާ ދަތުރު ވަރަށް ހިތްދައްޗެވެ.
ބުޅަލެއްހެން ކެހެރިތައް ފައިބައިގެން ދިޔަ ވާހަކަ ސައިފް ބުނީ ކިތަންމެ މަޖާކޮށް ނަމަވެސް، ކުރުކޮށް އެ ބުނީ އޭގެ ވޭނުގެ ވާހަކަ އެވެ. ކެންސަރަށް ފަރުވާ ހޯދަމުން ދާއިރު، ކީމޯ ތެރަޕީން އޭނާއަށް ކުރަމުންދާ އަސަރުގެ ވާހަކަ އެވެ.
ސައިފަށް ޖެހިފައިވަނީ 'ބޮޓްރަޔޮޑް ވޭރިއަންޓް އޮފް އެމްބްރިޔޯނަލް ރަބްޑޯމަޔޯސޯކާ' އެވެ. މުޅި ދުނިޔެއިން ވެސް އެ ބާވަތުގެ ކެންސަރު ޖެހުނު ކަމަށް ޑޮކިއުމަންޓް ކުރެވިފައިވަނީ އެންމެ ފަސް މީހުންނަށެވެ. އެއިން ކޮންމެ މީހަކު ވެސް ދެ އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގައި ނުހުރެ އެވެ.
ސައިފްގެ ހަށިގަނޑުގައި އެންމެ ފުރަތަމަ ކެންސަރު އުފެދުނީ އޭނާގެ ބްލެޑާގަ އެވެ. ބްލެޑާގައި ހެދުނު ކެންސަރުގެ ބޮޑު ޓިއުމަރުގެ ސަބަބުން، ބްލެޑާއާ އެކު، އެ ސަރަހައްދުގެ ހުރިހާ ގުނަވަނެއް މިހާރު ވަނީ ނަގާފަ އެވެ.
ކުއްލިއަކަށް ކުރިމަތިވި ބަލިމަޑުކަމުގައި ދޮޅު އަހަރު
މީގެ ކުރިން އެއްވެސް ބޮޑު ބައްޔެއް ތަހައްމަލުކޮށްފައި ނުވާ ސައިފް، 40، އަށް ބަލީގެ އުނދަގޫ އެންމެ ފުރަތަމަ ވާން ފެށީ، މީގެ ދޮޅު އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ ކުޑަކަމުދާން އުނދަގޫ ވާން ފެށީ އެވެ. އޭރު އައިޖީއެމްއެޗަށް ދެއްކުމުން، މާލޭން ނުހެދޭ ޓެސްޓެއް ހަދަން އެންގުމުން ދެން ދިޔައީ، ބެންގަލޫރުގައި ހުންނަ އެންޔޫ ހޮސްޕިޓަލަށެވެ. މާ ބޮޑު ތަހުގީގަކާ ނުލައި އެ ހޮސްޕިޓަލުން ފުރަތަމަ ވެސް ކުރީ ބްލެޑާގެ އޮޕަރޭޝަނެކެވެ.
ސައިފް ބުނިގޮތުގައި އެ އޮޕަރޭޝަން ކުރުމުން، މަހެއްހާ ދުވަހަށް މައްސަލަ ހައްލުވި އެވެ؛ އެކަމަކު އަނެއްކާވެސް ކުޑަކަމު ދިޔުން ހުއްޓުނެވެ. އޭނާގެ ބަހުން ނަމަ ހަމަ އެއްކޮށް ބްލޮކްވީ އެވެ. ފާހާނާ ނުކުރެވި 'ދުނިޔެއިން މޮޔަވާ ވަރުވުމުން' އެންމެ ފަހުން ޑޮކްޓަރުން ހައްލު ހޯދައިދިނީ، ކުޑަކަމުދާ ކޮންމެ ފަހަރަކު ހޮޅިއެއް ގުޅައިގެން އެކަން ކުރުމަށެވެ. 'ސެލްފް ކެތީޓާ'އެއްގެ އެހީގައި އޭނާ ހަ މަސް ދުވަހު އުޅުނެވެ.
ޑޮކްޓަރުން ތިބީ ހަދާނެ ގޮތް ހުސްވެފައި. އިތުރަށް ދޭނެ ފަރުވާއެއް ނެތް. އަޅުގަނޑަށް މި ދޭ ފަރުވާއަކީ ވެސް ހަމަ ތަޖުރިބާކުރުމަށް ދޭ އެކްސްޕެރިމެންޓަލް ފަރުވާތައް.
ދެން އެއް ދުވަހު އަމިއްލަ ކްލިނިކަކުން ހެދި ސްކޭނަކުން، އޭނާގެ ބްލެޑާގެ 75 ޕަސެންޓް ފުރާލާފައި އިން ޓިއުމަރެއް ދެއްކި އެވެ. އެ ފެނުނު ކޮންމެ މީހަކު ވެސް ދިޔައީ ސިއްސައިގެންނެވެ. ސައިފް ބުނިގޮތުގައި ކޮންމެ މީހަކު ވެސް އޭނާގެ ކޮނޑުގައި އަތް ބާއްވާލާ ގޮތުން، ކަމެއް ވަރަށް ގޯސްވެއްޖެކަން އެނގުނެވެ. އެ ސްކޭން ހިފައިގެން ގޮސް، މަޝްހޫރު ނިއުރޮލޮޖިސްޓް ޑރ. އަލީ ނިޔާފަށް ދެއްކުމުން، ޑޮކްޓަރު ވެސް އޭނާގެ ގައިގައި ބައްދާލީ އެވެ.
"ނިޔާފް ވެސް ވިދާޅުވީ ވަރަށް ގޯސްކޮށޭ ފެންނަނީ،" ތިން ކުދިންގެ ބައްޕަ ބުންޏެވެ.
މާލޭގައި ތިބި ޑޮކްޓަރުންނަށް، އެކަމުގެ ހައްލެއްގެ ގޮތުގައި ފެނުނީ ބްލެޑާ ނެގުން ނުވަތަ ބަޔޮޕްސީ ހެދުމެވެ. ރާއްޖޭގައި އެކަން ނުކުރަން ވެގެން، އާސަންދައިގެ އެހީ ހޯދައިގެން ސައިފް ދެން ދިޔައީ އިންޑިއާ އަށެވެ.
ސައިފް ބުނިގޮތުގައި އެންމެ ފުރަތަމަ އެންޔޫ ހޮސްޕިޓަލުގައި ބްލެޑާގެ އޮޕަރޭޝަން ކުރި އިރު، ހަމަ އެ ވަގުތު، މާލޭގައި އޭނާގެ އަންހެނުން ތިން ވަނަ ދަރިފުޅު ވިއްސަން ސިޒޭރިއަން ހަދަނީ އެވެ. ފުރާނައަށް ނުރައްކާވާވަރުގެ ޓިއުމަރުގެ ހަބަރާ އެކު، އިތުރު ފަރުވާއަށް އޭނާ އާއި އަންހެނުން އަނެއްކާވެސް އިންޑިއާއަށް ފުރީ، އޭރު ހަ މަސް ފުރިފައިވާ ތުއްތު ދަރިފުޅު ދައްތައަކާ ހަވާލުކޮށްފަ އެވެ. ދެން ތިބި، އަށް އަހަރާއި 13 އަހަރުގެ ދަރިފުޅު މަންމައާ ހަވާލުކޮށްފަ އެވެ.
އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ފަރާތުން ވެސް ފެނުނީ، މާލޭން ސައިފް ބެލި ޑޮކްޓަރުންގެ ފަރާތުން ފެނުނު ރިއެކްޝަނެވެ. އެ ކެންސަރު ފެންނަ ނިސްބަތް މަދުކަމުން، އެއީ ހަމަ އެ ބަލިތޯ ޔަގީން ކުރުމަށް ތިން ފަހަރު ބަޔޮޕްސީ ހެދި އެވެ. އެންމެ ފަހުން އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުން ވެސް ނިންމީ، ފުރާނަ ސަލާމަތް ކުރުމަށް، ބްލެޑާއާ އެކު އެ ހިސާބުގެ ހުރިހާ ގުނަވަނެއް ނެގުމަށެވެ.
"ބްލެޑާ ނަގަންށޭ ޖެހޭނީ ބުނީމަ ސިކުނޑި ސުމަކަށް ދެއްތޯ ދާނީ،" ވޮޑަމުއްލާ އާއި ބަނިޔަން ޓްރީ މޯލްޑިވްސް އާއި ވެލާވަރު ފަދަ ބޮޑެތި ރިސޯޓުތަކުގެ އިސް މަގާމުތައް އަދާކުރި ސައިފް ބުންޏެވެ.
"ފެމެލީ އެންމެން ވެސް ދުނިޔޭގެ އެކި ޑޮކްޓަރުންނަށް ގުޅައިގެން ބެލި އެހެން ގޮތެއް ފެނޭތޯ. އެކަމަކު ހުރިހާ ޑޮކްޓަރުންގެ ޖަވާބަކަށް ވީ އެކަން ކުރުމަށް."
އެ ހިސާބުން ދެން މަޖުބޫރުވީ ބްލެޑާ ނެގުމަށެވެ. ބްލެޑާއާ އެކު، އެ ސަރަހައްދުގައި އިންނަ އެހެން ގުނަވަނެއް ކަމަށްވާ ޕްރޮސްޓްރޭޓް ނަގައި ކައިރީގައި ހުރި ބައެއް ނާރުތައް ވެސް ކަނޑާލި އެވެ. ސައިފް ބުނިގޮތުގައި 13 ގަޑިއިރު ހޭދަވި އެ އޮޕަރޭޝަނުގައި ބްލެޑާ ނެގުމަށް ފަހު ގޮހޮރު ބުރިކޮށްލާފައި، އެ ބައި ގުޅުވާލީ ސީދާ ކިޑްނީ އަށެވެ. ބަނޑުގައި އެޅި ލޯވަޅުން، އެއްވެސް ކޮންޓްރޯލެއް ނެތި ކުޑަކަމުދާ ތަކެތި ފައިބާނެ އެވެ. އެކަން ހައްލު ކުރުމަށް، ބަނޑުން ބޭރުގައި މަސްނޫއީ ބްލެޑާއެއް ހަރުކުރި އެވެ.
އިންޑިއާއަށް ދިޔައިރު، 105 ކިލޯ ހުރި ސައިފް، އޮޕަރޭޝަނަށް ފަހު 70 ވަރަކަށް ކިލޯއަށް ހިކުނެވެ. އޮޕަރޭޝަނާއި ކީމޯ ތެރަޕީއަށް ފަހު ހިކުނު ވަރުން އޭނާ ސިފަކުރީ 'އަށްވަރަކަށް އަހަރުގެ ކުއްޖެއް'ގެ ގޮތުގަ އެވެ.
ކީމޯގެ ދުވަސްތައް؛ ބުނެދޭން ނޭނގޭހާ ވެސް ވޭންދެނިވި
ސައިފް ބުނިގޮތުގައި އޭނާގެ ހަށިގަނޑުގައި އަށަގަނެފައިވާ ކެންސަރު ނައްތާލަން ދޭން ޖެހުނީ، އެންމެ ވަރުގަދަ ކީމޯ ތެރަޕީ އެވެ. އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަށް އެ ފަރުވާ ދިން އިރު، އެ ދުވަސްތައް ސައިފް ސިފަކުރީ، 'ބަހަކުން ބަޔާން ނުކުރޭނެ ފަދަ ވޭންދެނިވި، އުނދަގޫ ދުވަސްތަކެއް'ގެ ގޮތުގަ އެވެ.
ތަދުގެ އިތުރުން، ރަހަބެލުމާއި ވަސް ދުވުމުގެ ހިއްސު ގެއްލެ އެވެ. ސިކުނޑި ހީވަނީ ފޮގެއްގެ ތެރެއަށް ވަންނަހެންނެވެ. ރަނގަޅަކަށް ނުވިސްނެ އެވެ. ކަންކަން ހަނދާނެއް ނުވެ އެވެ.
"ދެން އެ އަންނަ ފިއާއެއް. ބިރު ގަނެދާނެ ކޮންމެ ފަދަ ކަމަކާ ވެސް. ކީމޯގެ ތެރޭގައި މި ހުރިހާ ކަމެއް އަންނައިރު، އެ ހީވާނީ ހަށިގަނޑުގެ ތެރެއަށް ޖަހާ ޒަހަރެއްހެން،" ސައިފް ކިޔައިދިނެވެ.
އިންޓެންސް ކީމޯގައި އޭނާ އެންމެ ފުރަތަމަ ހަ މަސް ދުވަސް ވޭތުކުރި އެވެ. ދެން އެއަށް ފަހު ކުރީ އޮޕަރޭޝަނެކެވެ. އަނެއްކާވެސް ހަ މަސް ދުވަސް ވާންދެން ހަމަ އެހާ ވޭންދެނިވި، ވަރުގަދަ ކީމޯ ތެރަޕީ ދޭން ފެށި އެވެ. އިތުރަށް ރޭޑިއޭޝަން ދީފި ނަމަ ހުރީ ނުހިނގޭނެ ހާލަތުގަ އެވެ.
ސައިފް ބުނިގޮތުގައި އެހާ ވަރުގަދަ ފަރުވާތަކެއް ދެމުން ދަނިކޮށް، އަނެއްކާވެސް އޭނާގެ މައިބަދަ އާއި ފުއްޕާމޭން ކެންސަރު ފެންނަން ފެށި އެވެ. އާއްމު ގޮތެއްގައި ކެންސަރު ދެ ވަނަ ފަހަރަށް ފެންނަނީ، ކީމޯ ތެރަޕީ ހުއްޓާލާ އަހަރުތަކެއް ފަހުން ނަމަވެސް، ސައިފްގެ ހަށިގަނޑުން އަނެއްކާވެސް ކެންސަރު މި ފެނުނީ، އޭނާގެ ބަހުން ނަމަ، 'ހެސްކިޔާފައި ކީމޯ ދީދީ ހުއްޓާ' އެވެ.
"ޑޮކްޓަރުން ތިބީ ހަދާނެ ގޮތް ހުސްވެފައި. އިތުރަށް ދޭނެ ފަރުވާއެއް ނެތް. އަޅުގަނޑަށް މި ދޭ ފަރުވާއަކީ ވެސް ހަމަ ތަޖުރިބާކުރުމަށް ދޭ އެކްސްޕެރިމެންޓަލް ފަރުވާތައް،" އޭނާ ކިޔައިދިނެވެ.
ސައިފް ބުނިގޮތުގައި އޭނާގެ ހަށިގަނޑުގައި ކެންސަރު ހުރިކަން އެނގުނު އިރު، ހުރީ ސްޓޭޖް ތިނެއްގަ އެވެ. މިހާރު ކެންސަރުގެ ހާލަތު ގޯސްވެ، ސްޓޭޖް ހަތަރަކަށް ވުރެ މަތިވެއްޖެ އެވެ.
ހުރިހާ ވެސް ހިތްވަރެއް ދަރިންނާ ގުޅިފައި
ސައިފްގެ ޓްވިޓާ ބަލައިލައިފި ނަމަ، ކޮންމެ ދުވަހަކު ވެސް އޭނާގެ ހަގު ދަރިފުޅުގެ ފޮޓޯއެއް ފެންނާނެ އެވެ. ކޮންމެވެސް ކަހަލަ ޝައުގުވެރި ވާހަކަތަކަކާ އެކު އެވެ. ފަރުވާ ހޯދަން އިންޑިއާގައި ހޭދަކުރި އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާއަށް ތިން ދަރިން ފެނުނީ އެންމެ ފަހަރަކު އެވެ. ވަޒީފާއިން ޗުއްޓީ ހޯދައިގެން، އަންހެނުން ކައިރީގައި ހުރި ނަމަވެސް، އޭނާގެ ހުރިހާ ހިތްވަރެއް ގުޅިފައިވަނީ ދަރިންނާ އެވެ.
"ކޮންމެ ދުވަހަކު ވެސް މަންމަމެން ކުދިންގެ ފޮޓޯ ފޮނުވާނެ. ފޮޓޯތައް ފެނުނީމައި ކެތްނުވެގެން ރޯން ވެސް ފެށޭ،" ސައިފް ބުންޏެވެ.
"އަހަރެންގެ ބަލި ފަޔަކީ ވެސް ހަމަ އެ ކުދިން."
ސައިފްގެ އާއިލާގައި މިހާތަނަށް އެއްވެސް މީހަކަށް ކެންސަރު ޖެހިފައެއް ނުވެ އެވެ. އާއިލާއާ އެކު އުފާވެރި ދިރިއުޅުމެއް އުޅެމުން ދަނިކޮށް، މިހާ ބޮޑު އިމްތިހާނެއް ކުރިމަތިވި ސަބަބެއް ބުނާކަށް އޭނާއަކަށް ނޭނގެ އެވެ. އެކަމަކު ސައިފް ގަބޫލު ކުރަނީ އެކަމުގައި ވެސް ﷲ ކޮންމެވެސް ސަބަބެއް ލައްވަވާފައި އޮންނާނެ ކަމެވެ. ބައްޔާ މެދު ހިތާމަކޮށް ރޯކަށް އޭނާ ބޭނުމެއް ނުވެ އެވެ. ފަރުވާގެ އިތުރުން އޭނާގެ އެހެން ހުސް ވަގުތުތައް ހޭދަކުރަނީ، ކެންސަރާއި ކީމޯގެ ފަރުވާއާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުވުމަށެވެ.
އެފަދަ ފަރުވާއާ ކުރިމަތިލާނެ ގޮތް މީހުންނަށް އޭނާ ކިޔައިދެ އެވެ. ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އެކަމާ ގުޅޭ ގޮތުން އޭނާއާ ސުވާލުކުރާއިރު، ވަރަށް ތަފްސީލުކޮށް އޭނާ ޖަވާބު ދެ އެވެ. ސައިފްގެ އުއްމީދަކީ، އަމިއްލަ ތަޖުރިބާ އެހެން މީހުންނަށް ކިޔައިދިނީމައި، އެއަށް ވުރެ ރަނގަޅަށް އެހެން މީހުންނަށް އެކަމާ ކުރިމަތިލާން އެނގުމެވެ.
"އަޅުގަނޑު ކިތަންމެ ވޭނުގައި އުޅުނަސް، އެހެން މީހުން ދެރަކުރާކަށް ނުވޭ. އަޅުގަނޑާ އެކު އެހެން މީހުން ޑައުންކުރާކަށް ބޭނުމެއް ނޫން،" ޓްވިޓާގައި އޭނާ ދައްކާ މަޖާ ވާހަކަތަކުގެ ސިއްރު ސައިފް ކިޔައިދިނެވެ.
ހިތްވަރުގަދަ، ކެތްތެރި އަދި ނަމޫނާ މީހުންނަކީ މި އެވެ.
ކޮމެންޓް (6)
ކަރުދާސް
ބަދޫރާ
ޭފްރެންޑް
އިއްބެ
އިބްރާހިމް
އިބޫ ދޭ