ބޮލީވުޑްގެ ފިލްމެއް ރިލީޒްކުރުން ހުއްޓުވަން ސަލްމާން ހައިކޯޓަށް

އިއްޔެ ޓްރެއިލާ ރިލީޒްކުރި އިންޑިއާގެ ފިލްމު "ކާލާ ހިރަން: ދަ ބެޓްލް ފޯ ލެގަސީ" ރިލީޒްކުރުން ހުއްޓުވުމަށް އެދި ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ދިއްލީ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި ފިލްމު ރިލީޒްކުރުން ހުއްޓުވުމަށް ސަލްމާން އެދިފައި ވަނީ، ފިލްމުގައި ސަލްމާންއާ ގުޅުންހުރި ކަންތައްތަކެއް ހަގީގަތާ ޚިލާފަށް ހިމަނާފައިވުމުގެ އިތުރުން އޭގެ ސަބަބުން އެކްޓަރުގެ ޝަޚްސީ ހައްގުތަކަށް އުނިކަން އަންނަކަމަށް ބުނެއެވެ.

ގާނޫނީ ޚަބަރުތައް ގެނެސްދޭ 'ލައިވް ލޯ'އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ކާލާ ހިރަން: ދަ ބެޓްލް ފޯ ލެގަސީ" ނެރުން ހުއްޓުވުމަށް އެދި އެކްޓަރު ހުށަހެޅި މައްސަލައާ ގުޅިގެން، ދިއްލީ ހައިކޯޓުން އިއްޔެ ވަނީ އެ ފިލްމު އުފެއްދި ފަރާތްތަކުގެ ބަހެއް ހޯދުމަށް ނޯޓިސް ފޮނުވާފައެވެ.

ހަމައެއާއެކު މި މައްސަލައިގެ އަޑު އެހުމެއް މި އަންނަ ހަފުތާގެ ހުކުރު ދުވަހަށް ތާވަލުކޮށްފައިވާ ކަމަށް ވެސް 'ލައިވް ލޯ'އިން ރިޕޯޓުކޮށްފައިވެއެވެ.

ސަލްމާންގެ ފަރާތުން ކޯޓަށް ހާޒިރުވި އިސް ވަކީލު ދަޔާން ކްރިޝްނަން ބުނީ، މި ފިލްމަކީ 1998 ވަނަ އަހަރު ސަލްމާންގެ މައްޗަށް ތުހުމަތު ކުރެވުނު "ބްލެކްބަކް" ޝިކާރަކުރި މައްސަލައަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ބެލެވޭ ކަމަށެވެ.

ފިލްމު "ކާލާ ހިރަން: ދަ ބެޓްލް ފޯ ލެގަސީ"ގެ އެކްޓަރު ކާޗިފް އިގްބާލް ޚާން--ފޮޓޯ/އެންޑީޓީވީ

އަދި މިއީ އެކްޓަރުގެ ޝަޚްސީ ހައްގުތައް ރައްކާތެރި ކުރުމަށް މީގެ ކުރިން ހައިކޯޓުން ނެރެފައިވާ އަމުރަކާ ޚިލާފު ކަމެއް ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އަޑުއެހުމުގެ ތެރެއިން، ފިލްމު ރިލީޒްކުރާ ތާރީޚާ ގުޅޭގޮތުން ކޯޓުން ސުވާލުކުރުމުން، ފިލްމު އުފެއްދި ފަރާތްތަކުގެ ވަކީލުން ބުނީ ފިލްމުގެ ޓްރެއިލާ އިއްޔެ އާންމުކުރި ނަމަވެސް، ފިލްމު ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި ކަނޑަނާޅާ ކަމަށެވެ. ނަމަވެސް، ސަލްމާންގެ ވަކީލު ވަނީ މި މުޅި ޕްރޮޖެކްޓް ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ކޯޓުގައި އެދިފައެވެ.

މީގެ އިތުރުން، ފިލްމުގެ އިޝްތިހާރުތަކުގައި ސަލްމާނާ ސީދާ އެއްގޮތް ކަންތައްތަކެއް ހިމަނާފައިވާ ކަމަށް އެކްޓަރުގެ ވަކީލު ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، ފިލްމުގައި ދައްކާ ކެރެކްޓާ އަކީ ސަލްމާނާ ވަރަށް ވައްތަރު ކެރެކްޓާއެއް ކަމަށާއި، އެ ކެރެކްޓާ ކުޅޭ އެކްޓަރުގެ އަތުގައި އަޅާފައިވަނީ ސަލްމާން އަޅާ އޭނާގެ އަމިއްލަ ފާހަގައެއް ކަމަށްވާ ނޫކުލައިގެ "ބްރޭސްލެޓް" ކަމަށް ވެސް ބުނެފައިވެއެވެ.

އިންޑިއާގެ ހަތިޔާރާ ބެހޭ ގާނޫނުގެ ދަށުން ހިންގުނު ޝަރީއަތްތަކުން ސަލްމާން ބަރީއަވެފައި ވަނިކޮށް، މިފަދަ ގޮތަކަށް ކަންކަން ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސަލްމާންގެ ވަކީލު ވަނީ ކޯޓުގައި ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ހަގީގީ ހާދިސާތަކާ މެދު އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، މިދިޔަ އޭޕްރީލް މަހުގެ 24ގައި ގާނޫނީ ނޯޓިސް ފޮނުވާފައި ވަނިކޮށް ވެސް، ފިލްމު އުފެއްދި ފަރާތްތަކުން އެ ފިލްމު އިޝްތިހާރު ކުރުމާއި ސަލްމާނާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ކޮންޓެންޓް އާންމުކުރަމުންދާ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

އަމިތު ޖާނީގެ އަމިއްލަ ފިލްމު ކުންފުނި 'ޖާނީ ފަޔަފޮކްސް ފިލްމްސް' ބެނާގެ ދަށުން އުފައްދާ "ކާލީ ހީރަން"ގެ ޑައިރެކްޓަރަކީ ބާރަތު ޝްރިނޭޓްއެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން، "ކާލާ ހިރަން: ދަ ބެޓްލް ފޯ ލެގަސީ" ފިލްމު ރިލީޒްކުރުން ހުއްޓުވުމަށް އެދި ދިއްލީ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. އޭނާގެ ވަކީލުން ފާހަގަކުރާ ގޮތުގައި، މި ފިލްމަކީ 1998 ވަނަ އަހަރުގެ ބްލެކްބަކް މައްސަލައާ ގުޅުވައިގެން، ސަލްމާންގެ ޝަޚްސީ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް އަދި ހަގީގަތާ ޚިލާފަށް އުފައްދާފައިވާ ފިލްމެކެވެ. މައްސަލައާ ގުޅިގެން ކޯޓުން ވަނީ ފިލްމު އުފެއްދި ފަރާތްތަކަށް ނޯޓިސް ފޮނުވައި، އަންނަ ހުކުރު ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފައެވެ.

  • ފިލްމުގައި ސަލްމާން ޚާންގެ ސިފަތައް ބޭނުންކޮށް، އޭނާގެ ޝަޚްސީ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށް ތުހުމަތުކުރުން.
  • 1998 ގެ މައްސަލައިން ސަލްމާން ބަރީއަވެފައި ވަނިކޮށް، އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ކަންކަން ދައްކާފައިވުން.
  • ދިއްލީ ހައިކޯޓުން ފިލްމު އުފެއްދި ފަރާތްތަކަށް ނޯޓިސް ފޮނުވައި، އަޑުއެހުމެއް ތާވަލުކޮށްފައިވުން.
  • އޭޕްރީލް 24 ގައި ގާނޫނީ ނޯޓިސް ފޮނުވުމަށްފަހު ވެސް ފިލްމު އިޝްތިހާރުކުރާތީ މުޅި ޕްރޮޖެކްޓް ހުއްޓުވުމަށް އެދިފައިވުން.
comment ކޮމެންޓް