މިދިޔަ މަހު 5.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރިއިރު، އެކްސްޕޯޓް ކުރީ 98 މިލިއަންގެ މުދާ

މުދާ ބަރުކޮށްފައިވާ ބޯޓަކުން މުދާ ބާލަނީ: މިދިޔަ މޭ މަހު އިމްޕޯޓްކުރި މުދަލުގެ އަދަދު އިތުރު -- ސަން ފައިލް ފޮޓޯ

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޭޕްރީލް މަހާ އަޅާބަލާއިރު މެއި މަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. ދައުލަތަށް އާމްދަނީގެ ގޮތުގައި 322 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލާއި ގޭހުގެ އިތުރުން ކާބޯތަކެއްޗާއި މެޝިނަރީޒްގެ ބާވަތްތަކެވެ. މުދާ އެތެރެކުރި ގައުމުތަކުގެ ތެރޭގައި އޮމާން، ޗައިނާ އަދި އިންޑިއާ އިސްކޮށް އުޅޭއިރު، ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ ހަމައެކަނި މަސްވެރިކަމުގެ އުފެއްދުންތަކެވެ. ޑޮލަރުގެ ދަތިކަމާއި ދަރަނި ބޮޑުވުމުގެ ސަބަބުން އިމްޕޯޓު މަދުކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ މި ދަނޑިވަޅުގައި، މި ތަފާސްހިސާބުތަކުން ދައްކައިދެނީ ރާއްޖޭގެ އިގުތިސާދު ބޭރުގެ މުދަލަށް ބަރޯސާވެފައިވާ މިންވަރެވެ.

  • އިމްޕޯޓްކުރި މުދަލުގެ ޖުމްލަ އަގު 5.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެ 20 އިންސައްތަ އެތެރެކުރީ އޮމާނުންނެވެ.
  • އެކްސްޕޯޓްކުރި މުދަލުގެ ޖުމްލަ އަގަކީ 98 މިލިއަން ރުފިޔާއެވެ.
  • އެކްސްޕޯޓްކުރި މައިގަނޑު ބާވަތްތަކުގެ ތެރޭގައި ދަޅުމަހާއި ގަނޑުކުރި ކަޅުބިލަމަސް އަދި ކަންނެލި ހިމެނެއެވެ.
  • އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ އިނގިރޭސިވިލާތަށާއި ތައިލެންޑަށެވެ.
  • ދައުލަތަށް އިމްޕޯޓް އެކްސްޕޯޓުން 322 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

ނިމުނު މެއި މަހު ރާއްޖެއަށް 5.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް (އެތެރެ) ކުރިއިރު 98 މިލިއަން ރިފިޔާގެ މުދާ އެކްސްޕޯޓް (ބޭރު) ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ނިމުނު މެއި މަހު ދައުލަތަށް ވަނީ އިމްޕޯޓް އަދި އެކްސްޕޯޓުކުރި މުދަލުން 322 މިލިއަން ރުފިޔާ ލިބިފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ކަސްޓަމުން ނިމުނު މެއި މަހު 5.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، ނިމުނު އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓުކޮށްފައި ވަނީ 4.7 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ އޭޕްރީލް މަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

https://sun.mv/206139

ހަމައެއާއެކު މެއި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ އޮމާނުންނެވެ. އެއީ ޖުމްލަ 1.1 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި އެއީ އެތެރެކޮށްފައިވާ މުދަލުގެ 20 އިންސައްތައެވެ. އަދި ޗައިނާއިން 796 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން ވަނީ 750 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ.

މީގެ އިތުރުން މެލޭޝިއާއިން 444 މިލިއަން އަދި ޔޫއޭއީއިން 367 މިލިއަން ރުފިޔާގެ މުދާ ނިމުނު މަހު ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓުކޮށްފައި ވަނީ ތެލާއި ގޭހުގެ ބާވަތްތަކެވެ. އެގޮތުން އެ ބާވަތުގެ 1.4 މިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓުކޮށްފައެވެ. އަދި ކެއުމަށް ބޭނުންކުރާ އެކި ބާވަތްތަކުގެ ތަކެތީގެ ގޮތުގައި 948 މިލިއަން ރުފިޔާގެ ތަކެތި އިންމޯޓުކޮށްފައި ވާއިރު މެޝީނަރީޒް އަދި އެނޫން ވެސް ބާވަތްތަކުގެ ގޮތުގައި 916 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

އެކްސްޕޯޓަށް ބަލާއިރު ރާއްޖެއިން އެކްސްޕޯޓުކޮށްފައި ވަނީ ހަމައެކަނި މަހުގެ ބާވަތްތަކެވެ. އެގޮތުން 38 މިލިއަން ރުފިޔާގެ ދަޅުމަސް ނިމުނު މަހު އެކްސްޕޯޓް ކޮށްފައިވާއިރު 27 މިލިއަން ރުފިޔާގެ ގަނޑުކޮށްފައިވާ ކަޅުބިލަމަސް ނިމުނު މަހު ވަނީ އެކްސްޕޯޓްކޮށްފައެވެ. މީގެ އިތުރުން ކަންނެލީގެ އެކި ބާވަތްތަކުގެ ގޮތުގައި 18 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ.

މުދާ އެކްސްޕޯޓް ކޮށްފައިވާ ގައުމުތަކަށް ބަލާއިރު ނިމުނު މަހު 36 މިލިއަން ރުފިިޔާގެ މުދާ އެކްސްޕޯޓުކޮށްފައި ވަނީ އިނގިރޭސިވިލާތަށެވެ. އަދި ދެވަނައަށް އެންމެ ގިނަ މުދާ ތައިލެންޑަށް އެކްސްޕޯޓުކޮށްފައި ވާއިރު ދެން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައި ވަނީ ފްރާންސަށެވެ. އަދި އެއަށްފަހު އިންޑިއާއާއި ޖަރުމަނަށް ވެސް ރާއްޖެއިން ވަނީ މުދާ އެކްސްޕޯޓު ކޮށްފައެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ދަރަނި ބޮޑުވެ، ޑޮލަރުގެ ތާށިކަން ދިމާވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން އަންނަނީ އިމްޕޯޓް މަދުކުރުމަށް ފިޔަވަޅުތައް ވެސް އަޅަމުންނެވެ.

comment ކޮމެންޓް