ހިޔާގެ އެއް ޓަވަރު ފިޔަވައި ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓު ހަރުކޮށްފި

ކުއްޖަކު އަލަށް ހަރުކުރި ލިފްޓަކަށް އަރަނީ: މިހާރު އާ ލިފްޓު ހަރުނުކުރަނީ އެންމެ ޓަވަރެއްގައި --- ފޮޓޯ/ އެޗްޑީސީ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ހިޔާ މަޝްރޫއުގެ ގިނަ ޓަވަރުތަކެއްގައި އަލަށް ހަރުކުރި ލިފްޓުތަކުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅަކާ ގުޅިގެން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން، 25 ފަންގިފިލާއަށް ނެގިފައިވާ މި ޓަވަރުތަކުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް އަރައިފޭބުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރަކަށް 2 ލިފްޓު ވަނީ އިތުރުކޮށްފައެވެ. މިހާރު ނުނިމި ހުރީ ހަމައެކަނި ޓަވަރު 16 ގެ މަސައްކަތް ކަމަށްވާއިރު، އެތަނުގެ މަސައްކަތްވެސް ވީ އެންމެ އަވަހަކަށް ނިންމުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

  • ހިޔާގެ 16 ވަނަ ޓަވަރު ފިޔަވައި އެހެން ހުރިހާ ޓަވަރެއްގައި ލިފްޓު ހަރުކޮށް ވަނީ ނިމިފައި.
  • މިއީ 18 މިލިއަން ޑޮލަރު ޚަރަދުކޮށްގެން 32 ލިފްޓު ހޯދުމަށް ހިންގުނު މަޝްރޫއެއް.
  • އަލަށް ބެހެއްޓުނު ލިފްޓުތަކަކީ 21 މީހުންގެ ޖާގައިގެ، ބަލިމީހުން އުފުލާ އެނދު ވެސް އެރުވޭވަރުގެ ބޮޑެތި ލިފްޓުތަކެއް.
  • މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާ.
  • އިތުރު ލިފްޓު ބެހެއްޓުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާގެ އެއް ޓަވަރު ފިޔަވައި، އެހެން ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކޮށްފިއެވެ.

ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ އޭޕްރީލް މަހު 18ގައެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރަން ފެބްރުއަރީ 2024ގައި ހަވާލުކުރީ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.

ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ވަނީ އެ މަޝްރޫއުގެ އަދާހަމަ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

މިގޮތުން، ހިޔާ ޓަވަރު 16 ފިޔަވައި އެހެނިހެން ހުރިހާ ޓަވަރުތަކެއްގައި އިތުރު ދެ ލިފްޓު ހަރުކޮށް ނިމި، ބޭނުންކުރަން ފަށާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި، އަމާޒަކީ އެ ޓަވަރުގައި ވެސް ވީ އެންމެ އަވަހަކަށް ލިފްޓުތައް ހަރުކުރުންކަން އެޗްޑީސީން ހާމަކުރިއެވެ.

ބަޔަކު ހިޔާ ޓަވަރެއްގައި ހަރުކުރި އާ ލިފްޓު ބޭނުންކުރަނީ: މިހާރު އާ ލިފްޓު ހަރުނުކުރަނީ އެންމެ ޓަވަރެއްގައި --- ފޮޓޯ/ އެޗްޑީސީ

އަލަށް ހަރުކުރަނީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެއް ކަމަށްވާއިރު، 21 މީހުންގެ ޖާގަ ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

ފަންސަވީސް ފަންގިފިލާގެ ހިޔާ ޓަވަރުތަކުގައި އެތައް ހާސް ބަޔަކު ދިރިއުޅޭއިރު، ލިފްޓު މަދުވުމުން އަރައި ފޭބުމުގައި ދަތިތައް ދިމާވާ ކަމަށް އެ ތަނުގައި އުޅޭ މީހުން ބުނެއެވެ. ބައެއް ދުވަސް ދުވަހު ލިފްޓަށް އަރަން ބޮޑެތި ކިޔޫތައް ވެސް އޮންނައިރު، އަލަށް ހަރުކުރި ލިފްޓުތަކާއެކު މި މައްސަލައަށް ކުޑަ ހައްލެއް ވަނީ އައިސްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ހަރުކުރާ 32 ލިފްޓު ގަތުމަށް 18 މިލިއަން ޑޮލަރު ހޭދަވި ކަމަށެވެ.

ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް