ނޫޙުގެފާނުގެ ޤައުމުގެ ބޮޑުން އެކަލޭގެފާނަކީ މޮޔައެއް ކަމުގައި ސިފަކޮށް އެކަލޭގެފާނު ފަޟީޙަތްކުރިއެވެ.
ނޫޙޫގެފާނު ދެއްވި ދަޢުވަތަށް ތަބާވަމުން އައީ ރަށުގެ ބޮޑުންނެއް ނޫނެވެ. އެ ރަށުގެ ނިކަމެތިންނާއި ދެރަ މީހުންނެވެ. ބޮޑުން ބުނަމުން ދިޔައީ ނިކަމެތިން އެކަލޭގެފާނުގެ ވަށައިގެން ވަނިކޮށް، އެފަދަ ޤަދަރުވެރި ބޮޑުން އެކަލޭގެފާނަށް ތަބާ ނުވާނެ ކަމުގައެވެ.
ޤައުމުގެ ބޮޑުންގެ ކިބައިން ތަމްސީލުވީ އެފަދަ ބުނުންތައް އެކަންޏެއް ނޫނެވެ. ބޮޑުންގެ މީހުން ދެން އެނބުރުނީ އާދައިގެ މީހުންނާ ދިމާލަށެވެ. އެ މީހުން މަސައްކަތްކުރީ އިސްލާމްދީނަށް ތަބާވި ނިކަމެތިން އެކަލޭގެފާނާ ދުރަށް ގެންދެވޭތޯއެވެ. މި ވާހަކަ ބަޔާންކުރައްވައި މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ. ﴿فَقَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ مَا هَـٰذَا إِلَّا بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَاءَ اللهُ لَأَنزَلَ مَلَائِكَةً مَّا سَمِعْنَا بِهَـٰذَا فِي آبَائِنَا الْأَوَّلِينَ﴾ (المؤمنون: ٢٤) މާނައީ: "ފަހެ، އެކަލޭގެފާނުގެ ޤައުމުގެ މީހުންކުރެ ކާފިރުވި ބޮޑުން ބުނޫއެވެ. ތިޔަބައިމީހުން ކަހަލަ އާދަމުގެ ދަރިޔަކު ކަމުގައި މެނުވީ، މީނާ ނުވެއެވެ. އޭނާ ގަސްތުކުރަނީ، ތިޔަބައިމީހުންގެ މައްޗަށް މާތްވެގަތުމަށެވެ. ﷲ އިރާދަކުރެއްވި ނަމަ (ރަސޫލުން ކަމުގައި) މަލާއިކަތުން ބާވައިލައްވައިފީހެވެ. ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައި ވެސް، މިފަދަ ވާހަކައެއް ތިމަންމެން ނާހަމުއެވެ."
މިއީ ހުރިހާ ޒަމާނެއްގައި ވެސް މީސްތަކުންގެ ކަންތައް ހުންނަ ގޮތެވެ. ކާބަފައިން ކުރަމުން އައި ގޮތް ނޫން ގޮތަކަށް މީހަކު ދީނުގެ ވާހަކައެއް ދައްކައިފިއްޔާ އެ މީހަކާ އިދިކީލީވެގަތުމަކީ ވާކަމެކެވެ. އަދި އެ ވާހަކައެއް ދައްކާ މީހާއާ ހުރިހާ ގޮތަކުން ރުޅިވެގަނެ، އޭނާއަށް ގޯނާކުރުމާއި ޖެއްސުންކޮށް ފުރައްސާރަކުރުމަކީ އާންމުކޮށް ކަންހިނގާ ގޮތެވެ.
ނޫޙުގެފާނުގެ ޤައުމުގެ މީހުން ވެސް އެކަލޭގެފާނަށް ފުރައްސާރަކޮށް މަލާމާތްކޮށް ޖެއްސުން ކުރަން ފެށިއެވެ. އަދި އެކަލޭގެފާނަކީ މޮޔައަކު ކަމުގައި ބުންޏެވެ. އަދި އެކަލޭގެފާނަށް އީމާންވެގެން ތިބި މީހުން ގާތު، އެކަލޭގެފާނު މޮޔަފުޅު ވެއްޖެ ކަމުގެ ވާހަކަ ދައްކައި އެކަލޭގެފާނުގެ ކަންތައް ނިމުމަކަށް އައުމާމެދު އިންތިޒާރުކޮށްގެން ތިބުމަށް ބުނެ އިންޒާރުތައް ވެސް ދޭންފެށިއެވެ. ﴿إِنْ هُوَ إِلَّا رَجُلٌ بِهِ جِنَّةٌ فَتَرَبَّصُوا بِهِ حَتَّىٰ حِينٍ﴾ (المؤمنون: ٢٥) މާނައީ: "އޭނާގައި މޮޔަކަމެއްވާ ފިރިހެނަކު ކަމުގައި މެނުވީ އޭނާ ނުވެތެވެ. ފަހެ، ހިނދުކޮޅަކަށް އޭނާ އާމެދު ތިޔަބައިމީހުން އިންތިޒާރުކުރާށެވެ!"
ނޫޙުގެފާނަށް މޮޔަކަން ނިސްބަތްކުރުމުގެ އިތުރަށް އެކަލޭގެފާނަށް ތަބާވާ މީހުންނަކީ ވެސް މޮޔައިން ކަމުގައި ޤައުމުގެ ބޮޑުން ބުނަމުން ދިޔައެވެ. މިފަދަ އެއްވެސް ޢަމަލެއްގެ ސަބަބުން އެކަލޭގެފާނަށް މާޔޫސްކަން ލިބިވަޑައެއް ނުގަންނަވައެވެ. ނޫޙުގެފާނު އެކަލޭގެފާނުގެ ދަޢުވަތު މަޑުޖައްސަވައިލެއްވީއެއް ނޫނެވެ. އިލާހީ ވަޒީފާގައި ވަޑައިގެންނެވީ ކުރިޔަށެވެ.
އެކަލޭގެފާނު އެބައިމީހުންނަށް ދަންނަވަމުން ގެންދެވީ އެކަލޭގެފާނަކީ އާދައިގެ އިންސާނެއް ކަމަށެވެ. އަދި އެކަލޭގެފާނަށް ކަންކަން މިލްކުވެގެން ނުވާކަމާއި އެ ދައްކަވާ ކޮންމެ ވާހަކަފުޅަކީ އިލާހީ ވަޙީއިން އެނގިވަޑައިގަންނަވާ ތަކެތި ކަމެވެ. މޮޅުކަމެއް ހޯއްދަވާނެ ތަނަވަސްކަމެއް ވެސް ނެތްކަމެވެ. ﴿وَلَا أَقُولُ لَكُمْ عِندِي خَزَائِنُ اللَّهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ إِنِّي مَلَكٌ وَلَا أَقُولُ لِلَّذِينَ تَزْدَرِي أَعْيُنُكُمْ لَن يُؤْتِيَهُمُ اللَّهُ خَيْرًا ۖ اللَّهُ أَعْلَمُ بِمَا فِي أَنفُسِهِمْ ۖ إِنِّي إِذًا لَّمِنَ الظَّالِمِينَ﴾ (هود: ٣١) މާނައީ: "އަދި ﷲގެ ޚަޒާނާތައް ތިމަންކަލޭގެފާނުގެ އަރިހުގައި ވެއެކޭ ތިޔަބައިމީހުންނަކަށް ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނަކަށް ޣައިބެއް ވެސް އެނގިވަޑައެއް ނުގަނެތެވެ. އަދި ތިމަންކަލޭގެފާނީ، މަލާއިކަތެކޭ ވެސް ވިދާޅެއް ނުވަމެވެ. އަދި ތިޔަބައިމީހުންގެ ލޯތަކުން، ނިކަމެތިކޮށްހިތާ މީހުންނާމެދު، އެއުރެންނަށް، އެއްވެސް ހެވެއް ﷲ ނުދެއްވާނެ ކަމަކަށް ވެސް ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އެއުރެންގެ ހިތްތަކުގައިވާ ކަންތައް، އެންމެމޮޅަށް ދެނެވޮޑިގެންވަނީ، ﷲއެވެ. (އެފަދަ އެއްޗެއް ތިމަންކަލޭގެފާނު ވިދާޅުވި ނަމަ) އެހިނދު ތިމަންކަލޭގެފާނު ވާހުށީ، އަނިޔާވެރިންގެ ތެރެއިންކަން ކަށަވަރެވެ."
ނޫޙުގެފާނު، ދައުވަތުގެ 950 އަހަރުގެ ތެރޭގައި މިފަދަ ބުނުންތަކާއި ކިޔަވައިދިނުންތައް ދަސްކޮށްދެއްވުމުގައި ކެތްތެރިކަމާއި ސާބިތުކަމާ އެކު ދުވަސްތައް ގުނަމުން ވަޑައިގެންނެވިއެވެ.
އެ މީހުން ގެންދިޔައީ އެކަލޭގެފާނަށް ފުރައްސާރަކޮށް އުނދަގޫކުރަމުންނެވެ. މޮޔައެކޭ ބުނެ ފަޟީޙަތްކުރަމުންނެވެ. ޚާއްޞަކޮށް ބޮޑުވަމުން އަންނަ ނޫކަށިފުރައިގެ ޒުވާން ކުދިން ލައްވައި ފުރައްސާރަކުރުވާ ހަދައެވެ. އެއީ ޖީލަކަށްފަހު ޖީލެއް އެކަލޭގެފާނާ ގާތް ވެދާނެތީ އެ އެންމެންގެ ހިތުގައި އެކަލޭގެފާނުގެ މައްޗަށް ނަފުރަތްތެރިކަން އުފައްދާ އެ ކަން އިތުރުކުރުމަށް ޓަކައެވެ.
ދަންނާށެވެ! ނޫޙުގެފާނަކީ މޮޔައެއް ނޫނެވެ. އެއީ ﷲ ފޮނުއްވެވި މަތިވެރި ރަސޫލެކެވެ. އެއީ އެންމެ ފުރަތަމަ ރަސޫލާއެވެ. އެއީ ޝިރުކުގެ ޢަމަލާ ދެކޮޅަށް، ތައުޙީދުގެ ކަލިމަ އެންމެ ފުރަތަމަ އުފުއްލެވި އިންސާނާއެވެ.