ދެކުނުގެ ރަށެއްގައި، ނިދާފައި އޮތް އަންހެނެއްގެ ގާތަށްވަދެ އެ މީހާއާ ބެހުނު ދިވެއްސަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ހިނގި މި ހާދިސާއާ ގުޅިގެން، ދައުލަތުން އެ މީހާގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، އެނގިހުރެ ހުއްދަ ނޫން ތަނަކަށްވަނުމުގެ ކުށުގެ ދައުވާއެވެ.
މި ދެ މައްސަލައިގެ ޝަރިއަތުގައިވެސް، ދައުވާ ލިބުނު މީހާވަނީ އެ މީހާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން ދެ މައްސަލަވެސް ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލަތަކެއްގެ ގޮތުގައެވެ.
މި ދެ މައްސަލައިގެ ތެރެއިން، ޖިންސީ ގޯނާގެ ދައުވާގައި ބުނެފައިވާ ގޮތުގައި، ދައުވާ ލިބުނު މީހާވަނީ، ގެއެއްގައި ނިދާފައި އޮތް އަންހެނެއްގެ ގާތަށްވަދެ، އެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައެވެ. އެ މައްސަލައިގައި ދައުވާ ލިބުނު މީހާގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާވަނީ އެ ކުށަށް ވީހާވެސް ލުއި އަދަބެއް ދިނުމަށް އެދިފައެވެ.
އެ މީހާގެ މައްޗަށް ދައުލަތުން ކުރި، އެނގި ހުރެ ހުއްދަ ނޫން ތަނަކަށްވަނުމުގެ ކުށުގެ ދައުވާ ސާބިތުވެ، އެ މައްސަލައިގައި އިއްވާފައިވަނީ ތިން މަހާއި ދެ ދުވަހުގެ ޖަލު ހުކުމެކެވެ.
މި ދެ މައްސަލައިގެ ހުކުމްވެސް، ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން އިއްވާފައިވަނީ މިދިޔަ ހަފްތާގައެވެ.