ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ޑެންގީހުން ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެ އެޖެންސީން ނެރުނު 2026 މެއި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހާ އަޅާބަލާއިރު ޑެންގީހުން ޖެހިގެން ރިޕޯޓްކުރި އަދަދު ވަނީ 648 އިން 778 އަށް އިތުރުވެފައެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ޑެންގީހުމުގެ އިތުރުން ވައިރަލް ހުން ވެސް ވަނީ ހއ. އަދި ގދ. އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އިތުރުވެފައެވެ. އަދި އަރިދަފުސް ރޯގާ ވެސް ގިނަ އަތޮޅުތަކެއްގައި ދަނީ ފެތުރެމުންނެވެ. މީގެ އިތުރުން ބޭރަށްހިންގުން މާލެ ސަރަޙައްދާއި، ބ، ކ، އއ، ފ އަދި ޏ އަތޮޅުގައި އިތުރުވެފައިވާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.
ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ނިވައިވާފަދަ ހެދުން އެޅުމާއި، މަދިރި ލޯޝަން ނުވަތަ ރެޕެލެންޓް ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި މަދިރި އާލާވާ ވަގުތުތައް ކަމަށްވާ ފަތިސް ގަޑީގައާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.
މަދިރި އާލާވުން ހުއްޓުވުމަށްޓަކައި ގޯތިތެރެއާއި މަގުމައްޗަށް ފެން ހަރުލާ ފަދަ ތަކެތި އުކާނުލުމަށާއި، ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ސާފުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.
ބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާތަކުގެ ތެރޭގައި ގިނަގިނައިން އަރާމުކުރުމާއި، ކުރުބާފެން، ލޮނުޕެކެޓް އަދި ސޫޕް ފަދަ ފައިދާހުރި ދިޔާތަކެތި ބޭނުންކުރުން ހިމެނެއެވެ.
ހުން މަޑުކުރުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެ ކަމަށާއި، ނަމަވެސް ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަނަމަ ނުވަތަ މާ ބޮޑަށް ވަރުދެރަވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.