އެންމެ 30 މިނެޓުންވެސް ދަރިފުޅުގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރެވިދާނެ

ދަރިފުޅުގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެންމެ 30 މިނެޓުވެސް ފުދޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ނަފުސާނީ ޢިލްމުވެރިން ހާމަކުރައްވާ ގޮތުގައި، ކުދިންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މެދުކެނޑުމެއްނެތި އެކުދިންނާއެކު ވަގުތު ހޭދަކުރުމުގެ ބަދަލުގައި، ފުރިހަމަ ސަމާލުކަންދީގެން ހޭދަކުރާ މަދު ވަގުތުކޮޅެއް މާ މުހިންމެވެ. މިގޮތުން ނަފުސާނީ މާހިރުން ވަނީ ކޮންމެ ދުވަހަކު ތިރީސް މިނެޓު ދަރިންނަށް ހުސްކުރުމަށް "ދިހައެއް، ދިހައެއް، ދިހައެއް" ގެ މޮޑެލް ތަޢާރަފުކުރައްވާފައެވެ. މިއީ ޓެކްނޮލޮޖީއާއި ފޯނުތަކާ ދުރުގައި، ކުއްޖާގެ ލޮލަށް ބަލައިގެން ފުރިހަމަ ސަމާލުކަމާއެކު މުޢާމަލާތްކުރުމަށް ބާރުއަޅާ ނިޒާމެކެވެ. މިކަމުގެ ސަބަބުން ކުއްޖާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، އިހުސާސްތައް ދެނެގަތުމުގެ ޤާބިލުކަން އިތުރުވެގެންދެއެވެ.

  • ހެނދުނު ހޭލާ ވަގުތު ދަރިފުޅާއެކު ފުރިހަމަ ސަމާލުކަންދީގެން 10 މިނެޓު ހޭދަކުރުން.
  • ސްކޫލުން އަންނަ ވަގުތު ނުވަތަ ކުއްޖާ އެންމެ ބޭނުންވާ ވަގުތު އިތުރު 10 މިނެޓު ދިނުން.
  • ރޭގަނޑު ނިދުމުގެ ކުރިން، ދުވަހުގެ ކަންކަން ހިއްސާކުރުމަށް 10 މިނެޓު ހޭދަކުރުން.
  • މި 30 މިނެޓުގެ ތެރޭގައި ފޯނާއި ސްކްރީންތަކާ ދުރުވެ، ކުއްޖާގެ ލޮލަށް ބަލައިގެން ވާހަކަދެއްކުން.
  • ކުއްޖާގެ ވާހަކަތައް ކަނުލައި އަޑުއެހުމުން، ކުއްޖާއަށް ރައްކާތެރިކަމާއި ލޯބި އިހުސާސްކޮށްދިނުން.
  • ކުދިން ލޯބި މިނަނީ ބެލެނިވެރިން ހޭދަކުރާ ވަގުތުގެ ގިނަމަދުމިނުން ނޫންކަމާއި، ދޭ ސަމާލުކަމުންކަން.
  • ލޮލަށް ބަލައިގެން މުޢާމަލާތްކުރުމަކީ އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަން ކުއްޖާއަށް ދަސްވާ ކަމެއްކަން.
  • ނިދުމުގެ ކުރިން ހޭދަކުރާ ވަގުތަކީ ސިކުނޑީގެ ހަނދާންތައް ތަރުތީބުކޮށް ނަފުސާނީ ހަމަޖެހުން ގެނެސްދޭ ވަގުތެއްކަން.

ދަރިފުޅުގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެންމެ 30 މިނެޓުވެސް ފުދޭ ކަމަށާއި އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު ނަފުސާނީ ޢިލްމުވެރިން ހާމަކޮށްފިއެވެ.

އާލީ ޗައިލްޑްހުޑް އެސޯސިއޭޝަންގެ ރައީސާ ޑރ. ސްވަތީ ޕޮޕަޓް ވަޓްސް ދާދިފަހުން ވަނީ، ސްކްރީންތަކަށް ހުސްވެފައިވާ ދިރިއުޅުމުގެ އާދަތަކުން ދުރުވެ، ދަރިންނަށް ވަގުތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

'ދަ ޝައިޝަވް ޝޯ' ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ޑރ. ސްވަތީ ވަނީ މިކަމަށް ހާއްސަ "10 މިނެޓުގެ އުސޫލު" ތައާރަފްކޮށްދެއްވާފައެވެ.

"ކުއްޖާ ހޭލާ ވަގުތު 10 މިނެޓު، ނިދަން އޮށޯންނަ ވަގުތު 10 މިނެޓު، އަދި ދުވާލުގެ ކޮންމެވެސް އެހެން ވަގުތެއްގައި (ސްކޫލުން އަންނަ ގަޑި ނުވަތަ ކުއްޖާ އެންމެ ބޮޑަށް ބޭނުންވާ ވަގުތެއްގައި) 10 މިނެޓު ހޭދަކުރަންޖެހޭ. ފޯނާއި ދުރުވެ، އެހެން ކަންކަމަށް ސަމާލުކަން ނުދީ، ކުއްޖާގެ ލޮލަށް ބަލައިގެން މި 30 މިނެޓު ހޭދަކޮށްފިނަމަ، ދަރިފުޅަކީ ނަފްސާނީ ގޮތުން ވަރުގަދަ ކުއްޖެއްގެ ގޮތުގައި ބޮޑުވާނެ," ޑރ. ސްވަތީ ވިދާޅުވެފައިވެއެވެ.

ކުދިން ލޯބި މިނަނީ ބެލެނިވެރިޔާ އެކުދިންނަށް ދޭ ސަމާލުކަމާއި ނަފްސާނީ ގާތްކަމުގެ މައްޗަށް ބަލާފައި ކަމަށް ނަފުސާނީ ޢިލްމުވެރިން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ އާކާޝް ހެލްތުކެއަ ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލްގެ ސައިކޭޓްރިސްޓް ޑރ. ޕަވިތުރާ ޝަންކަރް ހާމަކުރައްވާ ގޮތުގައި، ކުދިން ލޯބި މިނަނީ ހަމައެކަނި ހޭދަކުރާ ވަގުތަކުންނެއް ނޫނެވެ.

އޭގެ ބަދަލުގައި އެކުދިން ލޯބި މިނަނީ ބެލެނިވެރިޔާ އެ ކުދިންނަށް ދޭ ސަމާލުކަމާއި ނަފްސާނީ ގާތްކަމުގެ މައްޗަށް ބަލާފައި ކަމަށް ޑރ. ޕަވިތުރާ ވަނީ ވިދާޅުވެފައެވެ. މިފަދަ ވަގުތުކޮޅުތަކުގެ ސަބަބުން ކުއްޖާގެ އަޑު އިވޭކަމާއި، ކުއްޖާއަށް ސަމާލުކަން ލިބޭކަމުގެ އިހުސާސް ކުރެވި، ނަފްސާނީ ގޮތުން ކަންކަމާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުވާ ކަމަށް ޑރ. ޕަވިތުރާ ވިދާޅުވެފައިވެއެވެ.

ޑރ. ޕަވިތުރާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގިނަ ބެލެނިވެރިން މުޅި ދުވާލު ކުދިންގެ ގާތުގައި ތިބި ނަމަވެސް، މަސައްކަތުގެ ބުރަކަމާއި ސްކްރީންތަކުގެ ސަބަބުން ދަރިންނަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ނުދެވޭ ފަހަރު އާދެއެވެ.

ޑރ. ސްވަތީ ހިއްސާކުރެއްވި '10+10+10' މޮޑެލްގެ ސަބަބުން ކުއްޖާއަށް ސަމާލުކަން ދީގެން ވާހަކަދެއްކުމާއި، ހިނިތުންވުމާއި، އަދި ކަނުލައި އަޑުއެހުމަކީ ދަރިފުޅާއި ބެލެނިވެރިޔާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށްދޭ ބިންގަލެކެވެ.

މި އިހުސާސްގެ ސަބަބުން ކުއްޖާގެ ކަންކަމަށް ސަމާލުކަން ދިނުމުގެ ގާބިލުކަމާއި، ނަފްސަށް އޮންނަ އިތުބާރު އަދި ދުވަހުގެ މިޒާޖު ރަނގަޅުވެއެވެ. ހަމައެފަދައިން ނިދުމުގެ ކުރިން ހޭދަކުރާ ވަގުތުވެސް އެހާމެ މުހިންމެވެ.

ކުއްޖާގެ ސިކުނޑި ތަރައްގީވަމުން އަންނައިރު، މުއާމަލާތް ކުރުމުގައި ލޮލަށް ބަލައިގެން ވާހަކަދެއްކުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. ސްވާތީ ވަނީ ވިދާޅުވެފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

"ނިދުމުގެ ކުރިން ސިކުނޑި ދަނީ ދުވަހުގެ ހަނދާންތަކާއި އިހުސާސްތައް ތަރުތީބު ކުރަމުން. އެވަގުތު އަވަސް އަރުވާ ނުލައި ދަރިފުޅުގެ ވާހަކަ އަޑުއެހުމާއި، ވާހަކަ ކިޔައިދިނުމަކީ ކުއްޖާއަށް ނަފްސާނީ ހަމަޖެހުން ލިބޭނެ ކަމެއް," ޑރ. ސްވަތީ ވިދާޅުވެފައިވެއެވެ.

ކުއްޖާގެ ސިކުނޑި ތަރައްގީވަމުން އަންނައިރު، މުއާމަލާތް ކުރުމުގައި ލޮލަށް ބަލައިގެން ވާހަކަދެއްކުމުގެ މުހިއްމުކަމާ ބެހޭގޮތުން ޑރ. ސްވާތީ ވިދާޅުވީ، އޭގެ ސަބަބުން އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމާއި، އިތުބާރު ކުރަން ދަސްކުރުމާއި، އަދި އެކި ބަހުރުވަތައް ދަސްކުރުމަށް ކުދިންނަށް ފަސޭހަވެ އެހީތެރިވެދޭ ކަމަށެވެ.

ނަމަވެސް، ފޯނާއި ޓެކްނޮލޮޖީގެ ސަބަބުން މި ގުޅުމަށް ބުރޫއަރާއިރު، ޓެކްނޮލޮޖީގެ ސަބަބުން ބެލެނިވެރިޔާއާއި ދަރިފުޅުގެ ގުޅުމަށް އަންނަ މެދުކެނޑުންތައް މަދުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅިދާނެ ކަމަށް ނަފުސާނީ ޢިލްމުވެރިން ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް