ހާތިމް: ރިނބުދޫގެ ކުރީގެ ކައުންސިލް ރައީސް

ހާތިމް: ފަޅުވެރިއެއް، ތިލޭރުވެރިއެއް، ކައުންސިލަރެއް: އަދިވެސް ދަސްކުރުމުގައި

ތިން ދައުރުގައި ކައުންސިލްގެ މެމްބަރުކަން ކުރެއްވުމަށް ފަހު އޭނާ މިހާރު ގެންދަވަނީ ތިލޭރުކަން ކިޔަވާދެއްވަމުން
20 ސެޕްޓެމްބަރު 2021

ދ. ރިނބުދޫގެ ނަން ޖަރީވެފައިވަނީ ރަންރިހީގެ މަަސައްކަތްތެރިކަމަށް އެ ރަށު މީހުންގެ ހުނަރުވެރިކަމުންނެވެ. މުޅި ރާއްޖެއަށް ބަލާއިރު ވެސް އެންމެ މޮޅަށް ތިލޭރުކަންކުރާ ބަޔަކު އެންމެ އިހުއްސުރެ ތިބެނީ މެދުރާއްޖެތެރޭގެ މި ރަށުގައި ކަމަށް ބުނެ އެވެ. ރާއްޖޭގެ އެކި އަތޮޅުތަކަށް ތިލޭރުކަންކުރަން އިހުގައި ބައްތެލިފަހަރުގައި އެ ރަށު މީހުން އެހެން އަތޮޅުތަކަށް ދަތުރުކުރިކަން ވެސް ތާރީހުން ފެންނަން އެބަ ހުއްޓެވެ.

އާބާދީގެ ގޮތުން ކުޑަ ރިނބުދުއަކީ މިއަދު ވެސް މި މަސައްކަތް ފުޅާވެ އޭގެ ނަފާ އެކި ގޮތްގޮތަށް ފައްކާވަމުން އަންނަ ރަށެކެވެ. ރިނބުދޫގެ އަތްތެރި މަސައްކަތްތެރިކަން ފެށިފައިވާ ގޮތުގެ ތާރީހަށް ބަލާއިރު ތުންތުން މަތިން ދައްކާ އެއް ވާހަކަ އަކީ އެ މަސައްކަތް ރިނބުދުއަށް ދިޔައީ ރަސްގެފާނުގެ ގަނޑުވަރުގައި މަސައްކަތް ކުރި ރަން ހަދާ މީހެއް ވައްކަމުގެ މައްސަލައެއްގައި އަރުވާލުމާ ގުޅިގެން ކަމެވެ. ފޯކުލޯރެއްގެ ގޮތުގައި މި ވާހަކަ ކިޔައިދެނީ މިދިޔަ 3 ދައުރު އެރަށުގައި ކައުންސިލަރުކަން ކުރެއްވި ހާތިމް އިބްރާހިމް އެވެ.

ހާތިމް ވިދާޅުވާ ގޮތުގައި ރިނބުދޫގެ އެންމެ ދުވަސްވީ އާސާރީ މިސްކިތް، ރިނބުދޫ ހުކުރު މިސްކިތުން ރިނބުދޫގައި ޒަމާނުއްސުރެ މި މަސައްކަތް ކުރަމުން އަންނަކަމުގެ ހެކިތައް ފެންނަން އެބަ ހުއްޓެވެ.

"ރަށުގެ ހުރި އެންމެ ދުވަސް ވީ މިސްކިތް އެއީ. ހިރިގަލުން ކަނޑާ ނެގުމާއި އަތްތެރި މަސައްކަތަށް ޒަމާނުއްސުރެ ރިނބުދޫގައި އޮތް ކަމެއް ކަމުގެ ދައްކާލަދޭ ވަރުގަދަ ހެއްކެއް،" ހާތިމް ވިދާޅުވި އެވެ.

"އެ މިސްކިތުގެ ތަނބުތަކުގައި ހުންނާނެ މިހާރު ވެސް ފެންނަން އެކި ކަހަލަ ފައުނު އެތަނުގައި ހުރިކަމުގެ ނިޝާން. އެއިން ވެސް އެބުނެދެނީ ރިނބުދުއަކީ ތިލޭރުކުރުމާއި އަތްތެރި މަސައްކަތުގެ ވަރުގަދަ ތާރީހެއް އޮތް ރަށެއް ކަން."

ސިޔާސީ މަސައްކަތަށް ވުރެ ކުރިން މަސައްކަތްތެރިއެއް

ސިޔާސީ ދާއިރާގައި ހާތިމަކީ ރައްޔިތުންނާ ގާތްކޮށް މަސައްކަތްކުރައްވާ އަދި ރަށުގެ ތަރައްގީއަށް ސަމާލުކަން ދެއްވާ ބޭފުޅެއް ކަމަށް، ރަށުގެ އާންމުން ދެކެ އެވެ.

  • ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހާތިމް ފިލައެއް އަރުވަނީ
  • ކުރީގެ ރައީސް މައުމޫން އަދި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއާ އެކު
  • ރިނބުދޫގެ ތިލޭރުކަމުގެ މަސައްކަތްތައް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލަނީ

ރިނބުދޫގެ ކައުންސިލްގައި 3 ދައުރު (އިތުރުކުރި މުއްދަތާ އެކު 10 އަހަރު) ހޭދަކުރައްވައި މިއަދު އޭނާ ހުންނެވީ އެ މަސްއޫލިއްޔަތުން ދުރުގަ އެވެ. އެންމެ ފުރަތަމަ 2011 ގައި ކައުންސިލަރަކަށް ވެވަޑައިގަތުމުގެ ކުރިން ހާތިމަކީ ވެސް ތިލޭރުވެރިއެކެވެ. އޭނާ އައީ މާލޭގައި އެކަން ކުރައްވަމުންނެވެ.  

ރަށުގައި ކިޔެވުމަށް ފަހު އޭނާގެ ފުރަތަމަ ވަޒީފާއަކީ ރަށާއި މާލެއާ ދެމެދު ދަތުކުރާ ދޯންޏެއްގެ ފަޅުވެރިއެއްގެ މަގާމެވެ. އެކަމަކު މާ ގިނަ ދުވަހެއް ނުވެ އޭނާއަށް މާލޭގައި އޯ ލެވެލްއަށް ކިޔަވަން ފުރުސަތު ލިބިވަޑައިގަތެވެ. ރޭގަނޑު ކްލާސްތަކުގައި ބައިވެރިވެވަޑައިގެން، އޯ ލެވެލެއް ހެއްދެވި އެވެ.

ރައީސް ޔާމީނަށް އަޅުގަނޑު ދެންނެވިން ރިނބުދޫގެ މި މަސައްކަތަކީ ކާބަފައިން ޒަމާނުއްސުރެ ދިގު ތާރީހެއް އޮތް ކަމަކަށް ވެ ރަށް ފަޅުކޮށްލުމަކީ ގަޔަވާ ކަމެއް ނޫން ކަމަށް.

ހާތިމް އިބްރާހިމް، ތިލޭރުވެރިއެއް

"ރިނބުދޫން މާލެ ހިޖުރަކުރި މީހުން ކުރާ މަސައްކަތަކީ ތިލޭރުކަން،" އެއިން ތަނަކާ ގުޅިވަޑައިގެން އެ މަސައްކަތުގެ ތެރެއަށް ވެންނެވުނު ގޮތް ކިޔައިދެއްވި އެވެ. އެކަމަކު އޭރު ވެސް، އޭނާ ވިދާޅުވި ގޮތުގައި، ރަށުގެ ގިނަ ޒުވާނުން ފަދައިން، "ފަށެއް ބައްދާލާ ހަދަން އެނގެ" އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިނބުދޫގެ ތިލޭރުކަން ކުރާ މީހުންގެ މަސައްކަތް ބަލާލުމުގެ ތެރެއިން

ހާތިމްގެ ޝައުގުވެރިކަން އެކަންޏެއް ނޫނެވެ. އޭނާގެ އެ ހުނަރު ރަށު ފެންވަރުގައި ވެސް މަތިކަން އެނގެން މާ ގިނަ ދުވަހެއް ނުވި އެވެ. އެ މަސައްކަތުގެ ތެރޭގައި ދެން އައީ މާލޭގައި ގަހަނާ ފިހާރައެއް ހުޅުވައި އެކަމުގެ ތެރެއަށް ވެންނެވިތަނެވެ.

ސިޔާސީ ހަރަކާތްތައް ރާއްޖޭގައި ފެށުމާ އެކު، ހާތިމްގެ ބޮލު ތެރޭގައި ހިޔާލުތަކެއް އުފެދުނެވެ. އޭގެ ތެރެއިން އެއް ހިޔާލަކީ ރިނބުދޫގެ ސަގާފީ މި މަސައްކަތް ރަށުގައި ކުރެވި ޒުވާނުން އެ މައިދާނަށް ނުކުމެ ފުދުންތެރި އަދި ތާހިރު ދިރިއުޅުމެއް އުޅެވިދާނެކަމުގެ ވިސްނުމެވެ. އެމްޑީޕީގެ ވެރިކަން 2008 ގައި ފެށުނު އިރު އޭނާގެ އެ ވިސްނުން ބޮޑުވި އެވެ. ދެން ފުރަތަމަ ކައުންސިލް އިންތިހާބު ކައިރިވި އިރު، އޭނާ ނިންމެވީ، މާލެ ދޫކުރައްވައި ރަށަށް ވަޑައިގަތުމަށެވެ.

"ރަށަށް ހިދުމަތްކުރަން ކައުންސިލަރަކަށް ވުމަށް ވަރަށް ގިނަ މީހުން އެދުނު. އެއީ ވިޔަފާރިތައް ދޫކޮށްލާ ރަށަށް ބަދަލުވާން ނިންމި ހިސާބު،" ހާތިމް، 38، ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ހާތިމް

އެކަމަކު ސިޔާސީ މައިދާނުގައި ކަންކަން ހުންނަ ގޮތުން ބޭނުންވާ ހަލުވި މިނުގައި އެކަމެއް ނުކުރެވެ އެވެ. ކުރީގެ ސަރުކާރުތަކުގެ ސިޔާސަތުތަކަށް އަލަށް އަންނަ ސަރުކާރުތަކުން މާ ބޮޑު ޝައުގުވެރިކަމެއް ނުހުރެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވިސްނުން ހުރީ، 2004ގެ ސުނާމީއާ ގުޅިގެން ތުލުސްދުއަށް ގިނަ ބަޔަކު ބަދަލުވުމުން އާބާދީ ކުޑަވެފައި އޮތް ރިނބުދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އަޅުގަނޑު ދެންނެވިން ރިނބުދޫގެ މި މަސައްކަތަކީ ކާބަފައިން ޒަމާނުއްސުރެ ދިގު ތާރީހެއް އޮތް ކަމަކަށް ވެ ރަށް ފަޅުކޮށްލުމަކީ ގަޔަވާ ކަމެއް ނޫން ކަމަށް. އެކަމަކު އޭރުގެ ޕްލޭންއަކަށް ވެފައި އޮތީ ރަށުގެ 25 އާއިލާއެއް އެހެން ރަަށަކަށް ހިޖުރަ ކުރުވުން،" ހާތިމް ވިދާޅުވި އެވެ.

"އެހެން ކަންތައް ވެއްޖެ ނަމަ މި ރަށް ފަޅުވެ ސްކޫލްތައް ނުހިންގޭނެ. ބާކީ ތިބި ބަޔަކަށް ވެސް މަޖުބޫރުވާނެ ބަދަލުވާން ތައުލީމް ހޯދަން."

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ދޫކުރައްވާ އަހުމަދު ސިޔާމްގެ މޯލްޑިވްސް ޑިމޮކްރެޓިކް އެލައަންސް (އެމްޑީއޭ)އަށް ބަދަލުވެވަޑައިގަތީ "ހާތިމް ބޭނުންވާ ކަންތައް ވާނީ އަޅުގަނޑުމެންގެ ކޮޅަށް އެރީމައޭ" އޭނާގެ ކޮނޑުގައި ޖައްސަވާފައި ޔާމީން ވިދާޅުވި ހިސާބުންނެވެ.

އެމްޑީއޭ އަކީ ޕީޕީއެމް ކޯލިޝަންގައި ހިމެނުނު ޕާޓީއެކެވެ.

"އަޅުގަނޑަށް ވިސްނުނީ އެ ރަށެއްގެ ރައްޔިތުންގެ ސަލާމަތް ހޯދައިދިނުމަކީ އެ ރަށެއްގެ ވެރިންގެ ޒިންމާއެކޭ،" ހާތިމް ވިދާޅުވި އެވެ.

"ދެން ސަރުކާރުން މާ ބޮޑަކަށް އެ ޕްރެޝަރެއް ނެތް. އަޅުގަނޑު ވަރަށް ތާއިދުކުރަން ލާމަރުކަޒީ ގާނޫނަށް. ދިވެހި ރާއްޖޭގެ ރަށްތަކަކީ ވަރަށް ޔުނީކް ރަށްތަކެއް. އަދި އެ ޔުނީކް ކަންކަން ބަލައިގެން ތަރައްގީގެ ޕްލޭންތައް އެގޮތަށް ހެދި އެކަމަށް މީހުން އަހުލުވެރިކޮށް އުއްމީދެއް ދޭން ބޭނުންވީ. މި މަސައްކަތުން އަމިއްލަ ރަށުގައި މާލީ ނަފާ ހޯދޭނެ ފުރުސަތު އެބަ އޮތްކަން."

ކައުންސިލަރަކަށް ހުންނެވި ރިނބުދޫ ކައުންސިލްގެ ފަރާތުން ވަނީ ގަހަނާ ހަދަން ދަސްކޮށްދޭ ކޯހެއް ތައާރަފުކޮށް، އެއީ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ކޯހަކަށް ހަދައިފަ އެވެ. އެހެންކަމުން ހާތިމް ގަބޫލުކުރައްވާ ގޮތުގައި އެއީ ކައުންސިލްގެ ރައީސްކަމުގައި އޭނާއަށް ހޯއްދެވުނު ކާމިޔާބީއެކެވެ.

ރިނބުދުއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް ތިލޭރުކަން ކުރަނީ

ކޮވިޑް-19 ލައްވާނުލި ނަމަ، ކައުންސިލްގެ އެހެން ޕްލޭނެއް ކާމިޔާބުވުމުގެ ފުރުސަތު އޮތީހެވެ. އޭރު ކައުންސިލުން ވިސްނީ ކައިރި ރިސޯޓްތަކުގައި ތިލަފިހިގެތައް ހަދައި، ތިލޭރުކަމުގެ މަސައްކަތް ޓޫރިސްޓުންނަށް ދައްކާލުމަށެވެ. ބޭނުން ނަމަ ޓޫރިސްޓުންނަށް ވެސް އެ މަސައްކަތް ދަސްކޮށްދިނުމެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޮތެންޓިކް މޯލްޑިވްސް އެކްސްޕީރިއަންސެއް ފަތުރުވެރިންނަށް ވެސް މި ދެވެނީ އަޅުގަނޑުމެންގެ އަމިއްލަ ސަގާފަތާއި ތާރީހާ ގުޅުވާލައިގެން،" ހާތިމް ވިދާޅުވި އެވެ.

ޒަމާނުއްސުރެ ތިލޭރުކަމަކީ ވަރަށް ބޮޑަށް ފިރިހެނުން ކުރަމުން އައި ކަމަކަށް ވިޔަސް ޒުވާން އާ އަންހެނުން މި ދާއިރާއަށް ނުކުންނާނެ

ޒަމާނުއްސުރެ ތިލޭރުކަން ކުރުމަކީ ހަމައެކަނި ފިރިހެނުން ކުރާ މަސައްކަތެއްގެ ގޮތުގައި އޮތުން ވެސް ރިނބުދޫ ކައުންސިލުން ބަދަލުކޮށްލި އެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ކޯހެއްގައި ދެ ޖިންސުގެ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ދިނެވެ. އަދި އަންހެނުން ބައިވެރި ވެސް ވި އެވެ.

ސަގާފީ މަގު

މީގެ އަހަރުތަކެއް ކުރިން ރިނބުދޫގެ ގެތަކުގެ މަގުމަތީ ފާރުތައް ހިތްގައިމު ކުލަތަކާ އެކު ތަފާތު މަންޒަރުތަކުން ފުރާލި އެވެ. އެ ރީތިކަމަށް އެތައް ބައެއްގެ ނަޒަރު ހުއްޓާލި އެވެ.

ރަށުގެ ހުރަސް މަގު ނުވަތަ އިބްރާހީމީ މަގު "ރިނބުދޫގެ ސަގާފީ މަގެއްގެ ގޮތަށް ބަދަލުކޮށްލުމަކީ" ހާތިމް ވިދާޅުވި ގޮތުގައި، "ވަރަށް ގިނަ ޓުއަރިސްޓުންނާއި ދިވެހިންގެ މަންޒިލަކަށް ރިނބުދޫ ވުމުގެ އެއް ސަބަބެ"ވެ.

މާލެއިން ކުރެހުންތެރިން ގޮސްގެން ކުރި އެ މަސައްކަތުގައި ރަށާ ގުޅޭ "ފޯކުލޯތައް" ވެސް ދައްކުވައިދެ އެވެ.

ރިނބުދޫގެ ސަގާފީ މަގު: މި ކުރެހުންތަކާ ހެދި ގިނަ ބައެއްގެ ނަޒަރު ހުއްޓުނު

"އަޅުގަނޑުމެންގެ ގޯލަކަށް ވީ އެތަނުގައި ރިނބުދޫގެ މަސައްކަތްތައް ދައްކާލެވޭ ކިއޮސްކްތަކެއް ހެދި ރަށުގައި ކުރާ ސަގާފީ މަސައްކަތްތަކާއި ހަދާ އެކި ކަހަލަ ކާބޯތަކެއްޗާއި އެއްޗެހި ވިއްކަން ހުރުން،" ހާތިމް ވިދާޅުވި އެވެ.

"އެއީ ރަށުގައި ދިިިރިއުޅޭ މީހުންނަށް ރަނގަޅު އާމްދަނީއެއް ލިބި ގަދަރުވެރިކަމާ އެކު އަމިއްލަ ވަޒަނުގައި ފުދިގެން އުޅޭތަން ފެނުން."

އަންހެނަކަށް ތިލޭރުކަން ދަސްކޮށްދޭން ހާތިމް އަންނަނީ މަސައްކަތް ކުރަމުން
ޒުވާނުންނަށް ތިލޭރުކަން ދަސްކޮށްދޭނ ހިންގާ ކޯހެއްގައި ހާތިމް އަންނަނީ މަސައްކަތް ކުރަމުން

ކައުންސިލުން ވަކިވެވަޑައިގަތް ހާތިމް މިހާރު ހުންނެވީ ކިޔަވާދެއްވުމުގެ ދާއިރާގަ އެވެ. އެގޮތުން މޯލްޑިވްސް އިންްސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ފަރާތުން ހިންގާ ގަހަނާ އުފެއްދުމުގެ ކޯހެއްގައި ކިޔަވައިދެއްވަ އެވެ. އޭނާގެ ފިލާވަޅުތައް ބިނާކުރައްވާފައި ވަނީ އޭގެ ތާރީހުގެ މައްޗަށެވެ.

"މި ކޯހުގެ ސަބަބުން ވަރަށް ޒުވާން، ފަންނީ ކުދިންތަކެއް ނުކުންނާނެ މި މަސައްކަތުގެ ތެރެއަށް،" ހާތިމް ވިދާޅުވި އެވެ.

"އަދި ޒަމާނުއްސުރެ ތިލޭރުކަމަކީ ވަރަށް ބޮޑަށް ފިރިހެނުން ކުރަމުން އައި ކަމަކަށް ވިޔަސް ޒުވާން އާ އަންހެނުން މި ދާއިރާ އަށް ނުކުންނާނެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް